ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް ދަ ޑިމޮކްރެޓްސްއިން މަރުހަބާ ދަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނަށާއި ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފަށާއި ޕްރޮގްރެސިވް ކޮނގްރެސް ކޯލިޝަނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައީސް އިބްރާހިމް ދެއްކެވީ ޑިމޮކްރެޓިކް ރީތި މިސާލެއްކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ވަނީ އެމަނިކުފާނަށް ވެސް މަރުހަބާ ދަންނަވައިފައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވޯޓުލީ މީހުންގެ %53 ހޯއްދަވައިފައެވެ.
ބަލި ގަބޫލުކުރައްވައި ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވަނީ ހޯއްދެވި ކާމިޔާބީއަށް މުޢިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.