ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ, ދެވަނަ ބުރުގައި ބާތިލު ވޯޓު ގިނަވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިކަމުގެ ހައްލު ހޯދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި 21,000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތި ކަމަށެވެ. ނަމަވެސް ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލު ވޯޓު ގިނަވުމަކީ އީސީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޮމިޝަނުން މިކަމުގެ ހައްލު ހޯދާނެ.“
ޙަބީބް ވިދާޅުވީ އެއް އިންތިޚާބެއްގެ ތަޖުރިބާގެ އަލީގައި އަނެއް އިންތިޚާބެއްގައި ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން ކަންތައްތައް ތަރުތީބުކޮށް އިސްލާހު ކުރުމަށް ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބަޖެޓުގެ ތާށިކަމާހުރެ އެންމެ ފުރިހަމައަށް އެންމެ ބާރު ސްޕީޑުގައި ކަންތައްތައް ނުކުރެވި ހުންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.
”އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއް. އީސީގެ ޓީމަކީ ގޮންޖެހުންތަކާއެކު ވެސް ނަޒާހަތްތެރިކަން އިސްކޮށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލު ޓީމެއް.“
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓު ލާފައިވަނީ 242,690 މީހުންނެވެ. ބާތިލު ވޯޓުގެ އަދަދު 7,400 އަށްވުރެ ގިނައެވެ.
ފުރަތަމަ ބުރުގައި 225,486 މީހުން ވޯޓު ލާފައިވާއިރު, ބާތިލު ވޯޓުގެ އަދަދަކީ 4835 އެވެ.
މިހާގިނައަދަދަކަށް ވޯޓްބާތިލްވި އެންމެބޮޑުއެއްސަބަބަކީ ފައިސާގެއޮއިފވަރުގާ ރައްޔަތުންޖައްސާ ވަސްވާސްތެރިކަމުގެ ސަބަބުން