ކުރީގެ ނައިބު ރައީސް އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީ އެމްޓީޑީން އިންތިޚާބީ ރައީސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ބާރު އަޅަން އެދިއްޖެއެވެ.
އެމްޓީޑީން މިހެން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވާފައި ވާތީ ލިބުނު ކާމިޔާބީއަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އެމްޓީޑީގެ ބަޔާނުގައި ވަނީ މިނިވަން، އިންސާފުވެރި،އިތުބާރު ކުރެވޭ އިންތިހާބެއް ކަށަވަރުކޮށްދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ހަމަ އެހެންމެ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ބާރު އަޅަން އެމްޓީޑީން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ވޯޓުލާން ނިކުތް މީހުންގެ ރެކޯޑް އަދަދަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގެ ދިރުމާއި ޑިމޮކްރަސީއަށް ކުރާ ވައުދުތަކުގެ ހެކިތައް ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ.