ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށާއި ދެއްކެވީ ރިވެތި މިސާލެއް ކަމަށެވެ.
“ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް މަނިކުފާނަށާއި އެމްޑީޕީއަށް ނުހަނު މަރުހަބާ ދަންނަވަން“
ރޭގެ ވަގުތެއްގައި ނަޝީދު ކުރެއްވި ޕޯސްޓެެއްގައި ވަނީ އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް އެދިވަޑައިގަންނަވާ ކަމަށާއި ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށް ވިދާޅުވިއިރު ނަޝީދު ކުރިން ވިދާޅުވީ ރައީސް ޞާލިޙް ކެމްޕޭން ކުރައްވަމުން ގެންދެވީ ދައުލަތުގެ ވަަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ވަރަށް ހަޑިހުތުރުކޮށް ކަމަށެވެ.