ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިންތިޚާބީ ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވައިފިއެވެ.
ޤާސިމް, އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާފައި ވާއިރު އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކޮށްފައެއް ނުވެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެއް ފޮށި ފިޔަވައި ހުރިހާ ވޯޓު ފޮއްޓެއް މިހާރު ގުނައިފައިވާ އިރު، ކުރި ހޯއްދަވާފައިވަނީ ޑރ. މުޢިއްޒެވެ. މުޢިއްޒަށް 126،850 ވޯޓު ލިބިވަޑައިގެން 53.85 ޕަސަންޓު ވަނީ ޔަގީން ކުރެވިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 46.15 ޕަސަންޓެވެ. އެއީ 108,696 ވޯޓެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،804 އެވެ. އެއީ 138.394 އަންހެނުންނާއި، 144،410 ފިރިހެނުންނެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި 87 ޕަސަންޓް މީހުން ވަނީ ވޯޓުލައިފައެވެ.