އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
މުޢިއްޒަށް ޓެގް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމިއޮންނާނެ ކަމުގައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މުޢިއްޒު ވިދާޅުވެފައިވަނީ ޚާރިޖީ ސިޔާސަތު އޮތީ އިންޑިއާއަށް ބުރަވެ ހުސްވެފައި ކަމަށާއި މިހާރު އަމިއްލަ ބާރުވެރިކަމެއް ނެތް ކަމަށެވެ. އަދި މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ނެތް ކަމަށް ވެސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އިންޑިއާއަށް ފާޑުވިދާޅުވި ނަމަވެސް މުޢިއްޒު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކޮށް ހުރިހާ ގައުމުތަކާއެކު ގާތް ގުޅުން ބޭއްވުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން ގައުމު އޮތް ދުރުމިނެއް އަދި ކުޑަ މިނެއް ބޮޑުމިނެއް ނުބަލައި ބޭރު ގައުމުތަކާއެކު އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ޚާރިޖީ ގުޅުން ބަދަހިކުރާނެ ކަމަށާއި
އެއްވެސް ގައުމަކާއި ދުޝްމަން ނުވާނަން ކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.