ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފިލްމެއް ޕްރޮޑިއުސްކުރަން އުޅޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.
އާލިއާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންގެ ފުރަތަމަ ޕްރޮޑިއުސްކުރާ ”ޖިގްރާ“ ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށެވެ.
އާލިއާގެ ޕްރޮޑަކްޝަން ކުންފުންޏާއި މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މި ފިލްމަކީ އެއީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި ކޮއްކޮއަށްޓަކައި އޭނާގެ ދައްތަ ވާ ގުރުބާނީ ދައްކާނެ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ވެސް ފެނިގެންދާނީ ބަތަލާ އާލިއާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 24 ގަ އެވެ.