ސޫދާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އާންމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުން އދ އިން އިސްނަގައިގެން ރަސްމީ ތަހުގީގެއް ހިންގުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލައިފި އެވެ.
އެގޮތުން އެމެރިކާ، އިނގިރޭސިވިލާތް، ނޯވޭ އަދި ޖަރުމަނުވިލާތުން ސޫދާންގައި މި ހިގަމުންދާ ޖަރީމާތަކުގެ ތަހުގީގެއް ހިންގުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ޑްރާފްޓް ގަރާރެއް ހުކުރު ދުވަހު ވަނީ ޢާއްމުކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހު އަސްކަރިއްޔާއާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާން ދާޚިލީ ހަނގުރާމައިގެ އައްސޭރިއަށް ވެއްޓުމާ އެކު ލޭ އޮހޮރުވުމާއި ހަމަނުޖެހުންތައް އަދި ޑިސްޕްލޭސްމަންޓް ވަނީ އިތުރުވެފަ އެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހުޅަނގު ދާރުފޫރު ހިމެނޭއިރު، ނަސްލީ ގޮތުން ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ.
އާރްއެސްއެފް އިން ވަނީ އާންމުންނަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ޖަމާއަތުގެ އަސްކަރިއްޔާ ކަމަށް ބުނެ، ހަމަނުޖެހުން ތައް ބަލަހައްޓާ ފަރާތްތަކާއި، ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ހެކިން ކުރާ ތުހުމަތުތައް ދޮގުކޮށް، އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ ސިފައިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެފަ އެވެ. ސޫދާނުން ވެސް އާންމުން މެރުމަށް އިންކާރުކޮށް، ހަމަނުޖެހުން ސިފަކުރަނީ ދާޚިލީ ކަމެއްގެ ގޮތުގަ އެވެ.
ރޮއިޓާސް އަށް ފެނުނު މި ޑްރާފްޓް ގައި ވަނީ ފަސް މަސް ދުވަސްވީ ހަމަނުޖެހުންތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ގޯނާކުރުން ކުށްވެރިކޮށް، އެ ކަންކަން ތަހުގީގު ކުރުމަށް ތިން މީހެއްގެ ފެކްޓް ފައިންޑިން މިޝަނެއް އުފައްދަން އެދިފަ އެވެ.
މި މާހިރުން ގަވާއިދާ ހިލާފުވާ ކަންކަން ޑޮކިއުމެންޓްކޮށް، 47 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލަށް އަނގަބަހުން އަދި ލިޔުމުން އަޕްޑޭޓް ތައްޔާރުކުރާނެ އެވެ.
މެމްބަރު ގައުމުތަކުގެ މެދުގައި އެ ޑްރާފްޓް ދައުރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ޑިޕްލޮމެޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.