ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ 8 އަހަރަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް މީގެ ކުރިން ނެރުނު ހުކުމުގެ އިސްތިއުނާފް މައްސަލަ ބްރެޒިލްގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ބްރެޒިލްގެ އިންތިޚާބީ ނިޒާމަކީ މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު އޮތް ނިޒާމެއް ކަމަށް ސާބިތުނުކުރެވޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ”ސިޔާސީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި މީޑިއާގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި“ ކަމަށް ބުނެ މިދިޔަ ޖޫން މަހު ކޯޓުން ވަނީ ބޮލްސޮނާރޯ އަށް 2026 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހުރަސް އަޅާފަ އެވެ.
ބުރާސްފަތި ދުވަހު ކޯޓުން ކުރި އިބްތިދާއީ ހުކުމުގައި ބުނެފައި ވަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތިން މަސް ކުރިން އިލެކްޓްރޯނިކް ވޯޓު ފޮށީގެ ނިޒާމުގެ ސައްހަކަމާ މެދު ސުވާލު އުފައްދަން ބޮލްސޮނާރޯ ދޮގު މައުލޫމާތު ބޭނުންކުރައްވާފައިވާ ކަމަށެވެ.
އޭނާގެ އިސްތިއުނާފް މައްސަލަ ހަތް މެޖިސްޓްރޭޓް ކޯޓުގެ އިއްތިފާގުން ވަނީ ބޭރުކޮށްލައިފަ އެވެ.
ހަރުކަށި ފިކުރުގެ ކުރީގެ ލީޑަރު ވަނީ އެ ހުކުމަކީ ”ބުރަކަށީގައި ވަޅި ން ހަމަލާދިނުން“ ކަމަށް ސިފަކުރައްވައި، ބްރެޒިލްގެ އެންމެ މަތީ ޝަރުއީ ފޯރަމް ކަމަށްވާ ސުޕްރީމް ފެޑެރަލް ކޯޓުގައި ވެސް އިސްތިއުނާފު ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ޢާންމު ޢިމާރާތްތަކަށް އަރައިގަތުން
2022 ވަނަ އަހަރުގެ ޖުލައި މަހު ބޮލްސޮނާރޯ ވަނީ އިލެކްޓްރޯނިކް ވޯޓު ފޮށީގެ ނިޒާމުގައި ހުރި ”ގޯސްތައް ރަނގަޅު ކުރަން“ މަސައްކަތް ކުރެއްވީ ”ސިފައިންގެ ބައިވެރިވުމާއެކު“ ކަމަށް ހެކި ހޯދުމަކާ ނުލައި ވިދާޅުވެފަ އެވެ.
އަދި ލޫލާއާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އެތައް ފަހަރެއްގެ މަތިން އެކަން ތަކުރާރުކުރެއްވި ފަދަ އިންތިހާބީ ނިޒާމު އޮޅުވާލައްވައި ނަތީޖާ އެމަނިކުފާނާ ދެކޮޅަށް ބަދަލުކުރެވިދާނެ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ބޮލްސޮނާރޯ ބަލިވުމުން ރުޅިގަދަވެ، ބޮލްސޮނާރޯގެ އެތައް ހާސް ސަޕޯޓަރުން ވަނީ ހައިވޭތައް ބަންދުކޮށް، އަސްކަރީ ނުފޫޒު ފޯރުވުމަށް ގޮވާލައި މުޅި ގައުމުގެ ބެރެކްތަކުގެ ބޭރުގައި ކޭމްޕްކޮށްފަ އެވެ.
ލޫލާ ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ފަހުން ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެ މީހުން ވަނީ ބްރެސިލިއާގެ ރިޔާސީ، ކޮންގްރެސް އަދި ސުޕްރީމް ކޯޓުގެ އިމާރާތްތަކަށް އަރައި ފަޅާލާފަ އެވެ.
ބޮލްސޮނާރޯއަކީ ވެސް ސުޕްރީމް ކޯޓުގައި ފަސް ތަހުގީގެއް ހިންގައި، ޖަލު ހުކުމެއް އަންނާނެ މައްސަލައެކެވެ.