ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށާއި އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވާ ކަމަށެވެ.
”އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގެ މެމްބަރުން އަދި އަޅުގަނޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓާއެކު އެވެ. މުއިއްޒަށް 127،377 ވޯޓު ލިބިފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،376 ވޯޓެވެ.
މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ފުރުއްވާފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ. ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށް މުއިއްޒު ނިކުންނެވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަކާއެކު ކަމަށްވާއިރު އެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އަދި ދެވަނަ ބުރުގައި އެމްއެންޕީން މުއިއްޒަށް ތާއީދު ކުރެއްވިއިރު ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރި އެމްޑީއޭ އިން ވެސް ފަހު ވަގުތު ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށްފަ އެވެ.
Hagnsur