ރާއްޖޭގެ ވެރިޔަކު އައްޔަންކުރުމަށް މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5:00 ޖެހުމާއެކު ނިންމާލައިފިއެވެ.
އިލެކްޝަނަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިއަދު ވަނީ ގިނަ ބަޔަކު ވޯޓްލާފައެވެ.
އިންތިޚާބުގެ ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ޖެހުމާއި އެކުއެވެ. އަދި ވޯޓުލުން ނިންމާލާފައި ވަނީ މިއަދު ހަވީރު 05:00 ޖެހުމާއެކު އެވެ.
އިންތިހާބުގައި ވޯޓްލުމަށް ބެހެއްޓި ފޮށިތައް މިހާރު ވަނީ ބަންދުކުރަން ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުން ކަމަށެވެ.
މި އިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރި އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒެވެ.
މިއަދުގެ އިންތިޚާބު ކުރިއަށް ދިޔައިރު ބައެއް ކަހަލަ ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރަކަށް ހަމަލާދީ ކޮންމެވެސް ވަރަކަށް ޒަހަމް ކޮށްލާފައި ވާއިރު ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ގދ. ވާދޫގައި ވޯޓުލުމަށް ބެހެއްޓި ފޮއްޓެއް ފަޅާލައި ބަޔަކު ވަނީ ވޯޓު ކަރުދާސްކޮޅުތައް އުކާލާފައެވެ.