އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރަނިންމޭޓަކަށް ވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނަން ބޭނުންވާތީ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރިއަށް މިދާ ރިޔާސީ އިންތިޚާބުގެ ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ފައިސަލް ވިދާޅުވީ ދެވަނަ ދައުރެއް ލިބުމަކީ ކޮންމެހެން ވާޖިބު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ނުދެކޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަދިވެސް ޝައުގުވެރިވާ ކަމަށެވެ.
ރައްޔިތުން ނިންމާ ގޮތް ބަލައިގަންނަން ޖެހޭނެ ކަމަށާއި، ހުރިހާ ރައްޔިތުން އެއް ކެންޑިޑޭޓަކަށް ވޯޓު ލާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވަން ބޭނުންވެ ވަޑައިގަންނަވާތީ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ރަނިން މޭޓަކަށް ވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް، އެ ފުރުސަތު ނުލިބުމުން ކަންބޮޑު ނުވާ ކަމަށް ނައިބު ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ އެއް ފަސް އަހަރަށް ވުރެ އަނެއް ފަސް އަހަރު ރަނގަޅު ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ކޮންމެ ކެންޑިޑޭޓަކު ހޮވުނު ނަމަވެސް ޤައުމަށް ތަރައްޤީ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ވޯޓު ލުމުގެ ހައްޤަކީ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް ހައްޤެއް ކަމަށާއި އެ ހައްޤުގެ ބޭނުން ހިފުމަށްވެސް ނައިބް ރައީސް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އަމާނާތްތެރިކަމާއެކު ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.