ލ.ފޮނަދޫގެ 3 ނަންބަރު ފޮށީގެ ވޯޓުލުން އަލުން ފަށައިފިއެވެ.
ފޮނަދޫގެ 03 ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލާން ދިޔަ 03 މީހުންނަށް ދޫކުރި ވޯޓު ކަރުދާހުގައި ކުރަހާފައި ދިން މައްސަލައިގައި ވޯޓުލުން މެދުކަނޑާލުމަށްފަހު ވޯޓުލުން އަލުން ފެށީ މީގެއިރުކޮޅެއް ކުރިންނެވެ.
މި މައްސަލައިގައި އެކަން ކުރި އޮފިޝަލު ވަނީ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ.
އީސީން ބުނީ ފޮނަދޫ 03 ނަންބަރު ވޯޓުފޮށީގައި އެ މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ދިނުމަށްފަހު މިހާރު ވަނީ އެ ފޮށީގެ ވޯޓުލުން ފެށިފައި ކަމަށާއި ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލު އަތުގައި ގަލަމެއް ނޯންނާނެ ކަމަށެވެ. އަދި ވޯޓުކަރުދާސް ދޫކުރާ މޭޒުން ވޯޓުކަރުދާހާއި ކުރެހުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށާއި ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށެވެ.
އަލުން ވޯޓުލާން ފަށާފައިވަނީ އެހެން ފޮށްޓަކަށެވެ. ކުރީގެ ފޮށި މިހާރު ހުރީ ވަކިން ބަހައްޓައިފައެވެ. އީސީން ވަނީ އެ ފޮށްޓަށް ލީ ވޯޓުތަކުގެ ތެރެއިން ކުރަހާފައިވާ ކަރުދާސްތައް ބާތިލު ނުކޮށް ސައްހަ ވޯޓުގެ ގޮތުގައި ގުނަން ނިންމައިފައެވެ.