މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބަންދުން ދޫކޮށްލައިފިއެވެ.
އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫންގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރި މައްސަލާގައި ސްޓެޕް އައްޔަގެ އިތުރުން ދެ މީހަކު ހައްޔަރުކުރިއެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މި މަހުގެ 27 ވަނަ ދުވަހު ސްޓެޕް އައްޔަ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލާގައި ސްޓެޕް އައްޔަގެ އިތުރުން ހައްޔަރުކުރީ ދިވެހި ދެ ފިރިހެނެކެވެ. އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ.