ތޭރަވަނަ ބައި
”ސައިފް“ ސައިފް ގާތުގައި ހުއްޓެމުން ދަހާ ގޮވައިލިއެވެ. އެއަޑަށް ސިހިފައި ކުރިމަތީ ހުއްޓުނު ދަހާއަށް ސައިފް ބަލައިލިއެވެ. ވަގުތުން ނަފުސަށް ވެރިވެފައިވީ ހަރުކަށިކަން ފިލައި ސައިފް އަށް ހަމަޖެހުން ލިބުނު ފަދައެވެ. ހިނިތުންވެފައިވި ދަހާގެ މޫނަށް ބަލަހައްޓައިގެން ހުރި ސައިފްގެ ތުންފަތްވެސް ދެފަރާތަށް ދެމިލިއެވެ. ”ހިނގާ އެދިމާލަށް“ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ހުރި ބެންޗެއް ދައްކައިލަމުން ސައިފް ބުނެލީ އެތަނާ ވީހައިވެސް ދުރަށް ދާން ބޭނުންވެފައި ހުރި ފަދައަކުންނެވެ. އަވަސް އަވަހަށް ބޯޖަހައިލުމާއެކު ސައިފްގެ ފަހަތުން ކަހަލަ ގޮތަކަށް ދަހާ ވެސް ހިނގައިގަތެވެ. އޭރުވެސް އެސްފިޔަ ޖަހައިލުމެއްނެތި އެދެމީހުންގެ ހަރަކާތްތަކަށް ގެއްލިފައި އަޒާ ހުއްޓެވެ. އެތަށް ދުވަހަކަށްފަހު ސައިފް ފެނުމުން އޭނާގެ ހިތަށް ފުން އަސަރެއް ކުރުވައިފިކަން ގައިމެވެ. ހިންދިރުވައިލުމާއެކު އަޒާ އިސްޖަހައިލިއެވެ. ސައިފްގެ މޫނުން ފައުޅުވި ނުރުހުމުގެ އަސަރުން، އަދިވެސް އެހިތުގައި އޭނާގެ މައްޗަށް އޮތް ގިލަންވެރިކަން އަޒާއަށް ވިސްނުނީއެވެ. ދުވަހަކުވެސް ސައިފް އޭނާއަށް މަޢާފުކޮށްފާނެ ހެއްޔެވެ.
ދަހާ އާއި އެކުގައި ސައިފް ފެނުމުން އަޒާގެ ހިތަށް އެހައި އަސަރުކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެނަސް ދުރުގައި ތިބެ ހިނިއައިސްފައި ވާހަކަދައްކަމުންދިޔަ އެދެމީހުންގެ ހަރަކާތްތަކުން އަޒާގެ ހިތަށް ކެތްކުރަންދަތި އިހުސާސުތަކެއް ކުރުވައިފިކަން ގައިމެވެ. ބަލަން ބޭނުންނުވިއަސް އިޚުތިޔާރުން ބޭރުގައި އެދެމީހުންގެ ހަރަކާތްތަކަށް ބެލެނީއެވެ. އެންމެފަހުން އެތަނުގައި ހުންނަން އޭނާ އަށް އިތުރަށް ކެތްނުވީ ކަންނޭނގެއެވެ. އަވަސް ހިނގުމެއްގައި އިމާރާތުގެ އެތެރަށް ވަންނަން އަޒާ ހިނގައިގަތެވެ.
ވިއްސާރައިގެ ކުލަވަރު ދުނިޔެމައްޗަށް ވެރިވާންފެށީ ސައިފް އާއި ދަހާ ވާހަކައިގަ ތިއްބައެވެ. އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން މުޅި މާހައުލަށްވެސް އަނދިރިކަން ވެރިވީ ދާދި ކުޑަ ހިނދުކޮޅެއްގެތެރޭއެވެ. ޖެހެމުންދިޔަ ލުއި ރޯޅިތަކުގައިވެސް ތެތްފިނިކަމެއް އެކުލެވިފައިވިއެވެ. ގޯތިތެރަށް ވެރިފައިވީ ފަތްތައް ރޯޅިތަކުގެ ގޯނާތަކަށް ކެތްނުވެގެން އުދެހެމުންދިޔައެވެ. ފިނިވާން ފެށުމުން އެއްއަތުން އަނެއް އަތުގައި ދަހާ ހިފަހައްޓައިލިއެވެ. އެކުޑަކުޑަ އަމަލުވެސް ސައިފް ދެނެގަތީ ނުހަނު އަވަހަށެވެ. ހިނިތުންވެލަމުން އެތެރަށް ދާންވީތޯ އޭނާ އަހައިލިއެވެ. އެއާއެކު ވަގުތުން ދެފަރާތަށް ދަހާ ބޯހޫރައިލިއެވެ.
”ކިހާ ހިތްގައިމު، އަހަންނަށް އަބަދުވެސް ވަރަށް ކަމުދޭ ވިއްސާރަވީމަ“ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ދަހާ ބުނެލިއެވެ. ދަހާގެ ވާހަކަތަކަށް ބޯޖަހައިލަމުން ބެންޗްގައި ސައިފް ހަމަޖެހިލިއެވެ.
ހިމަފޮދު ވާރޭ ވެހެންފެށުމާއެކު ހަށިގަނޑަށް އަރާމުކުރަނިވި ފިނިކަމެއް މުޅި މާހައުލަށް ވެރިވިއެވެ. ވާރޭގެ އެތައް ހާސް ތިކިތަކުން ބިންގަނޑު ތެތްމަމުންދިޔައިރު، އެމަންޒަރުން މާޔޫސްވެފައިވި ހިތަކަށްވެސް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ކުދިކުދި ފެންތިކިތަށް ގަސްތަކުގެ ފަތްތަކުގައި އޯގާތެރިކަމާއެކު ބޮސްދިނުމަށްފަހު ތިރިއަށް ފައިބައިގެންދަނީ ފަތްތަކުގެ ފެހިކަން އިތުރުކުރުވަމުން ކަހަލައެވެ.
ބެންޗާ ދިމާއަށް ގަސްތަކުގެ ބިޔަ އޮފިތަކުން ހިޔާއެޅިފައިވީތީ، ވާރޭގެ ހަމަލާތަކުންވީ ސަލާމަތްވެފައެވެ. އެހެންވެ އެތެރަށް ވަނުމުގެ ޚިޔާލެއް ދެމީހުންކުރެ އެކެއްގެވެސް ނެތެވެ. އޭރު ބައެއް މީހުން ދުވަމުންކަހަލަ ގޮތަކަށް ގޮސް އިމާރާތުގެ އެތެރަށް ވަންނަމުންދިޔައެވެ. ގޯތިތެރަށް ވެރިވެފައިވި ހިމޭންކަމާއި ފަޅުކަން ސައިފް އަށް ކަމުދިޔައެވެ. ސިއްރުވެރި ނަޒަރަކުން އޭނާ ދަހާއަށް ބަލައިލިއެވެ. ދުރަށް ނަޒަރު ސީދާކޮށްލައިގެން ހިނިތުންވެފައި އިން ދަހާ ފެނިފައި ސައިފްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އެނގުންވެލިއެވެ.
”ބޮޑުދައިތަ އާއި މަނާލްއަށް ނާދެވުނީމަ ވަރަށް ދެރަ، އެމީހުން މަތިން ވަރަށް ހަނދާންވޭ“ އެއިން ގޮތަށް އިނދެ ދަހާ ބުންޏެވެ. ”ދެން އަހަރެން.. އަހަރެން މަތިން ދަހާ ހަނދާނެއް ނުކުރަންތަ“ ވިސްނައިނުލާ ސައިފް އަށް ހިތަށް އެރި ލަފުޒުތައް ދުލުން ބޭރުކޮށްލެވުނީއެވެ. އޭރުވެސް އޭނާ އިނީ ހުވަފެނީ ޢާލަމަކަށް ގެއްލިފައެވެ. ސައިފްގެ ދުލުން ބޭރުވި ބަސްތަކުން ދަހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެލޯބޮޑުކޮށްލަމުން ސައިފްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ގަބޫލުކުނުކުރެވިފައި އިންފަދައަކުންނެވެ.
* * * * *
ފުރަތަމަ ފަންގިފިލާގެ ބެލްކަނީގައި ސައިފް އާއި ދަހާގެ ހަރަކާތްތަކަށް ސިއްރުން ބަލަން އަޒާ ހުއްޓެވެ. ވެހެމުންދިޔަ ވާރޭ ތެރޭގައި އެކަކު އަނެކެއްގެ މޫނަށް ގެއްލިފައިތިބި ދަހާ އާއި ސައިފް ފެނިފައި އޭނާގެ ހިތުގައި ރިއްސައިލިއެވެ. އެދުވަހު އޭނާ ސައިފްގެ ލޯތްބަށް ފުރަގަސް ނުދިންނަމަ، މިއަދު ދަހާގެ ބަދަލުގައި އެތަނުގައި އިނީހީ އޭނާއެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން އަޒާއަށް ހިންދިރުވައިލެވުނެވެ. އިޚުތިޔާރުން ބޭރުގައި އެދެލޯ ފެންކަޅިވާގޮތްވިއެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު އަޒާއަށް ރެއިލިންގްގައި ހިފަހައްޓައި ބާރުކޮށްލެވުނެވެ.
ސައިފް އަކީ އަޒާގެ ޙަޔާތައް އައި ފުރަތަމަ ޒުވާނާއެއް ނޫނެވެ. އެކަމަކު ސީރިއަސް ނަޒަރަކުން އޭނާއާ ދޭތެރޭ ދެކި، ކައިވެނި ހުށައެޅި ފުރަތަމަ ފަރާތެވެ. ސައިފްގެ އެދުމަށް އާނބަސް ދިނެއްކަމަކު މާ ވަރުގަދަ ޖަޒުބާތުތަކެއް އޭރު އަޒާގެ ހިތުގައި ނުވެއެވެ. ސައިފް އެދުނީތީ އިންނާން އެއްބަސްވީއެވެ. އެކަމަކު ސައިފްގެ ހުންނަ މަޑުމައިތިރިކަމާއި އޭނާގެ ރިވެތި އުޅުން އޭރު އަޒާއަށް މާ ކަމުދާ ކަމަކަށް ނުވީއެވެ. އޭނާ އަކީ އަބަދުވެސް ވަރަށް މިނިވަން ޚިޔާލުތަކެއް ގެންގުޅުނު ކުއްޖެކެވެ. އެހެންވެ ސައިފްގެ މިޒާޖާއި އޭނާގެ މިޒާޖު މާގުޅޭ ކަމަކަށް ނުވިއެވެ. ސައިފް ނުރުހުނަސް އޭނާގެ ފަސްފަހަތުން އަޒާ އައީ އޭނާ ބޭނުންވާ ހުރިހައި ކަމެއް ކުރަމުންނެވެ. ދިރިއުޅުމަކީ އެހައި ކުރުއެއްޗަކަށްވާއިރު، ހިތް އެދުނުހައި އުފަލެއް ހޯދަން ބޭނުންވީއެވެ. އެހެން އުޅުމުގެ ތެރޭގައި އެކުވެރިއެއްގެ ފަރާތުން ދިމާވި ޒުވާނާ އޭނާއަށް މާ ކަމުދާން ފެށީއެވެ. އެއްކަލަ ޚިޔާލުތަކެއްގެ ވެރިއަކަށްވީތީ އެ ޒުވާނާ އާއި އަޒާގެ ގުޅުން ނުހަނު އަވަހަށް ބަދަހިވާގޮތްވިއެވެ. ސައިފްއާ މެދުގައި ހިތުގައި ފޫހިކަން އުފެދެންފެށީ އެހިސާބުންނެވެ. އެ ގުޅުމަށް ފަރުވާކުޑަ ކުރެވެން ފެށީއެވެ. އެންމެފަހުން ކައިވެނިކުރަން ވެސް އަޒާ ދެކޮޅު ހެދީއެވެ. އެހައި އަވަހަށް އަމިއްލަ މިނިވަންކަން ގެއްލުވައިލަން އޭނާގެ ހިތް އެއްބަސްނުވީއެވެ. ކައިވެނިކޮށްފިނަމަ ހުރިހައި ކަމެއް ބަދަލުވާނެކަން އަޒާއަށް ޔަގީންވީއެވެ. ދެމެދުގައިވި ގުޅުން ކަނޑައިލީ އިތުރަށް ސައިފްއާ އެކުގައި އުޅުމުގެ ބޭނުމެއްނެތީތީއެވެ. އެގޮތަށް އަޒާ ކަންތައްކުރި ސަބަބު އޮޅުންފިލުވައި ދިނުމުގެ މާބޮޑު ޝައުޤެއް އޭރު އޭނާގެ ހިތުގައި ނެތެވެ. އެހެންވެ ގުޅުން ކަނޑައިލުމަށްފަހު ސައިފްގެ ސުވާލުތަކަށް ޖަވާބުދިނުން އޭނާއަށް މުހިންމުކަމަކަށް ނުވިއެވެ. ހިތް އެދުނުހައި ގޮތަކަށް ކަންތައްކުރަމުން ދިޔައިރު، ފަހަރެއްގައިވެސް އަމިއްލަ ދެއަތުން ނަފުސު އަނދަވަޅުގަނޑެއްގެ ތެރެއަށް ވައްޓައިލެވެނީކަން އަޒާއަށް ކުޑަކޮށްވެސް އިހުސާސެއް ނުވެއެވެ. ވިސްނުނުއިރު ހުރިހައިކަމެއްވީ އަތްނުފޯރާ ހިސާބަށް ގޮއްސައެވެ. ކަނު އަނދިރި އަނދަވަޅުން ސަލާމަތްވުން ފަސޭހަކަމަކަށް ނުވިއެވެ. ސައިފްއާ މެދު ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނައިލެވުނީ ދެނެވެ. އޭނާއާ މެދުގައި ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސުވީއިރު މާ ލަސްވެއްޖެއެވެ. ސައިފްގެ އޯގާތެރިކަމާއި އޭނާއާ މެދުގައި ބެހެއްޓި ގާތްކަން މަތިން ހަނދާންވާންފެށީ އިންތިހާއަށެވެ. އަޒާ ނިންމައިގެން ހުރީ އެ އަނދަވަޅުން ސަލާމަތްވި ދުވަހަކުން ސައިފް ގާތަށް އެނބުރިގޮސް އޭނާގެ ކިބައިން ހުރިހައި ކަމަކަށް މަޢާފަށް އެދޭށެވެ. އެހެނަސް ކަންތައް މިވީ އޭނާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ސައިފްހެ ފުށުން އޭނާ ބޭނުންވާފަދަ ގާތްކަމެއް ލިބިދާނެކަމަށް އޮތް ކުޑަކުޑަ އުއްމީދުވެސް ފަނޑުވެއްޖެއެވެ.
”އައި މިސްޑް ޔޫ..“ ދުރުން ފެންނަންހުރި ސައިފްގެ ފިރިހެންވަންތަ ސޫރައަށް ބަލަންހުރެ އަޒާ ބުނެލީ ސިއްރެއް ފަދައިންނެވެ. އަތުން ބީވެގެން ދިޔައީ ކޮންފަދަ އަގު ބޮޑު ނިޢުމަތެއްކަން އޭނާ އަށް ވިސްނުނީއެވެ. އަހަރެމެން އިންސާނުންނަކީ ވެސް ކިހައި މޮޔަ ބައެއް ހެއްޔެވެ؟ އަތުގައިވީ އެއްޗެއްގެ އަގު ވަޒަންކުރެވެނީ އެއެއްޗެއް އަތުން ބީވުމުންނެވެ. ވަގުތު ފާއިތުވުމުންނެވެ. އެހެނަސް ގެއްލިއްޖެ ވަގުތެއް އަނބުރާ ލިބުމެއް ނުވެއެވެ. ލިބިފައިވި ނިޢުމަތްތަކާމެދު އަބަދުވެސް ޝުކުރުވެރިވާންވީ އެހެންވެއެވެ.
ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން އަޒާ ފުހެލިއެވެ. އުއްމީދު ގެއްލުވައިލަން އަދި މާ އަވަހެވެ. ކޮންމެވެސް ގޮތަކުން ސައިފްއާ ވާހަކަދައްކަން އޭނާ ބޭނުންވެއެވެ. ފަހަރުގައި އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު ސައިފް އޭނާއަށް މަޢާފު ވެސް ކޮށްފާނެއެވެ. އޭނާ ހީކުރާފަދަ ގުޅުމެއް ސައިފް އާއި ދަހާ ދެމެދު ނެތުންވެސް އެކަށީގެން ވެއެވެ. ވީއިރު އެހައި އަވަހަށް ގޮތްހުސްވެ މާޔޫސްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހިތާހިތުން ދުޢާކޮށްލަމުން އަޒާ ދެލޯމަރައިލިއެވެ.
* * * * *
”ސައިފް“ ބޭޤަރާރުކަމާއެކު ދަހާގެ މޫނަށް ބަލަން އިން ސައިފް ފެނިފައި ދަހާގެ މެޔަށް ފިނިވެލިއެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުމާއެކު، ބަނޑުން ފެށިގެން މެޔާ ހަމައަށް މަޑު ހީލިކެރުވުމެއްގެ އިހުސާސުކުރެވުނެވެ. ސައިފްއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ މަޑުމަޑުން ސައިފްގެ ނަމުން ދަހާ ގޮވައިލިއެވެ. އެ ތޫނު ނަޒަރުން އޭނާގެ ހިތުގެ ވިންދު އަވަސްކުރުވައިފިއެވެ. ރޯމަހެއްހެން މޭގައިވި ހިތް ތެޅެމުންދަނީއެވެ. މިއިން ދުވަހަކު އިހުސާސުނުކުރެވޭފަދަ އެތައް ޖަޒުބާތަކުން ދަހާގެ ހިތް ފުރެމުން އައި ކަހަލައެވެ. ބަސްމޮށުންތެރިކަމަކާ ނުލައި ވެސް ސައިފްގެ ހިތް ބުނަމުންދިޔަ ވާހަކަތައް ދަހާގެ ކަންފަތަށް އިވޭކަހަލައެވެ. އެއްވެސް ފޮރުވުމެއްނެތި އެދެލޮލުން ފައުޅުވަމުންދިޔަ އަސަރުތަކުން ދަހާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވަމުންދިޔައެވެ. ހިންދިރުވައިލުމާއެކު ދަހާއަށް ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލެވުނެވެ.
”ބުނެބަލަ، އަހަރެން މަތިން ދަހާ ހަނދާނެއް ނުވޭތަ؟“ ކިރިޔާ ދަހާއަށް އިވޭވަރަށް އަނެއްކާވެސް ސައިފް އަހައިލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ދަހާ އަށް އިނދެވުނީއެވެ.
”ދަހާ..“
”ސައިފް.. އަހަރެން.. އަހަރެން“ ކުއްލިއަކަށް އިވުނު ބާރު ގުގުރީގެ އަޑާއެކު ދެމީހުނަށް ސިހުން ގެނުވިއެވެ. ހަމަހޭވެރިކަން ސައިފް އަށް ލިބުނީ ދެނެވެ. ކުރެވުނު ކަންތައް އޭނާއަށް އިހުސާސުވީ ކަހަލައެވެ. އަވަސް އަވަހަށް ދަހާއާ ދުރަށްޖެހިލަމުން އޭނާ މަޢާފަށް އެދުނެވެ. ޖަޒުބާތުގައިޖެހި އަމިއްލަ ނަފުސު ބެހިގެން ދިއުމަށް ދޫކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ފަހަރެއްގައިވެސް ހަމަހޭގައި ހުރެގެން އެފަދަ ކަމެއް ސައިފް ނުކުރާނެއެވެ. ކަރުކެހިލުމާއެކު އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. އޭރު ސިއްރުވެރި ނަޒަރަކުން ސައިފްގެ މޫނަށް ބަލަހައްޓައިގެން ދަހާ އިނެވެ. ދާދި ދެންމެއަކު ހިނގައިދިޔަ ކަންތައް ހިތަށް ސިފަވެލުމުން ލަދުވެތި ހިނިތުންވުމަކާއެކު ދަހާއަށް އިސްޖަހައިލެވުނެވެ.
ޔާރު ތިޔެ މިހިތުގެ ޝިފާ..
ލޯބި އަދު ދެއްވާނުހޭ..
ދެހިތުގެ ވިންދުން އިވޭ..
ރާގު މިޔެ އިޤުރާރުވޭ..
އާނއެކޭ ލޯބިވޭ.. އާނއެކޭ ލޯބިވޭ..
-ނުނިމޭ-