އެކްސް ގެ ސީއީއޯ ލިންޑާ ޔަކާރީނޯގެ އައިފޯން ހޯމް ސްކްރީނުން އެކްސް އެޕް ގެއްލުނުކަން ފާހަގަވެ އެޚަބަރު ވައިރަލް ވެއްޖެއެވެ.
ވޮކްސް މީޑިއާގެ ކޯޑް 2023 ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކަމަށާއި އެ ކޮންފަރެންސްގައި ބެލުންތެރިންނަށް ފާހަގަ ކުރެވުނީ އޭނާގެ އައިފޯނުގެ ހޯމް ސްކްރީނުން އެކްސް އެޕް ގެއްލިފައިވާ ކަމަށެވެ.
އެލޮން މާސްކް އެކްސް އާއި ހަވާލުވި ފަހުން، މި ޕްލެޓްފޯމް އެއްގޮތަކަށް ވެސް ޚަބަރުތަކުގައި ނުފެންނަނީ ގިނައިން މާސްކްގެ ސިޔާސަތު ނިންމުންތަކުގެ ސަބަބުންނެވެ. ނަމަވެސް މިފަހަރު ލައިމްލައިޓް ހޯދާފައިވަނީ އެ ޕްލެޓްފޯމްގެ އާ ސީއީއޯ ލިންޑާ ޔަކާރިނޯ އެވެ.
އެކްސްގެ މާނައަކީ ކޮބައިކަން ބެލުންތެރިންނަށް ކިޔައިދިނުމަށްޓަކައި ޔަކާރީނޯ ވަނީ ކޯޑް 2023 ކޮންފަރެންސްގައި އޭނާގެ އައިފޯން އަންލޮކްކޮށް ދައްކާލައިފައެވެ. ނަމަވެސް އޭނާގެ އައިފޯނުގެ ހޯމް ސްކްރީންގެ ފުރަތަމަ ޞަފްޙާގައި އެކްސް އެޕް ނެތްކަން ބެލުންތެރިންނަށް ފާހަގަ ކުރެވުނެވެ. އައިފޯނުގެ ހޯމް ސްކްރީންގެ ފުރަތަމަ ޕޭޖަކީ ގިނައިން ބޭނުންކުރާ އެޕްތައް ނުވަތަ ކޮންމެ ދުވަހަކު ގާތްގަނޑަކަށް ބޭނުންކުރާ އެޕްތައް ބެހެއްޓޭ ތަނެވެ.
އެގޮތުން އެކްސްގެ ސީއީއޯގެ ހޯމް ސްކްރީންގައި ސްޓާބަކްސް، ޖީމެއިލް، ސިގްނަލް، އަދި އެޕަލްގެ އެޕްތައް ކަމަށްވާ މެސެޖްސް، ފޭސްޓައިމް، ވޮލެޓް، ކެމެރާ، އަދި ކެލެންޑަރ ފަދަ އެހެން އެޕްތައް ވެސް ހުއްޓެވެ. މިކަމުގެ އިތުރުން އޭނާގެ އައިފޯނުގެ ހޯމް ސްކްރީންގައި ވެސް މެޓާގެ އިންސްޓަގްރާމާއި ފޭސްބުކް ވެސް ހުއްޓެވެ.
އެލޮން މާސްކް މިއަހަރުގެ މެއި މަހު ސީއީއޯގެ މަގާމަށް ލިންޑާ ޔަކާރިނޯ އައްޔަން ކުރުމުން އޭނާ ބަދަލުވީ އެކްސްގެ ތެރޭގައި އެގްޒެކެޓިވް ޗެއާ އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށެވެ. ލިންޑާ އައްޔަން ކުރެއްވީ، މާސްކް މިދިޔަ އަހަރު އެ ޕްލެޓްފޯމްގައި އާންމު ޕޯލެއް ކުރިއެޓް ކުރިއިރު، ޓްވިޓާގެ ވެރިޔާގެ މަގާމުން ވަކިވާންވީތޯ ޕޯލް ކުރުމަށް ޔޫޒަރުންނަށް އެދުނު އިރު، 57.5 ޕަސެންޓް ވޯޓަރުން ވަނީ އޭނާ މަގާމުން ވަކިވުމަށް ތާއީދުކޮށްފަ އެވެ.
ލިންޑާ ޔަކާރީނޯ ވަނީ ޓްވިޓާއާ ގުޅުމުގެ ކުރިން އެންބީސީ ޔުނިވާސަލްގެ ގްލޯބަލް އެޑްވަޓައިޒިން އެންޑް ޕާޓްނަޝިޕްސްގެ ޗެއާމަންގެ މަގާމު ވެސް އަދާކޮށްފަ އެވެ. އެންބީސީ ޔުނިވާސަލްއާ 2011 ވަނަ އަހަރު ގުޅުނު ޝިފާނާ ވަނީ ކުންފުނީގެ އިންޑަސްޓްރީގައި ކުރިއަރާފައިވާ ޕޯޓްފޯލިއޯ ކަމަށްވާ ލައިނަރ ނެޓްވޯކްތަކާއި ޑިޖިޓަލް އަދި ސްޓްރީމިން ޕްލެޓްފޯމްތަކާއި ޑިސްޓްރިބިއުޝަން ޕާޓްނަޝިޕްތަކާއި ކްލައިންޓް ރިލޭޝަންޝިޕްތައް މެނޭޖްކުރުމުގެ ޒިންމާ އުފުލާފައެވެ.
ޔަކާރީނޯ އަކީ ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މީޑިއާ އިންޑަސްޓްރީގައި ކެރިއަރު ފެށީ އެންބީސީ ޔުނިވާސަލްގެ މީޑިއާ ޕްލޭނިން ޑިޕާޓްމަންޓުގެ އިންޓަރންއެއްގެ ގޮތުގައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެ އެވެ.