ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވަކި ދާއިރާއެއް ބާކީ ނުކޮށް އެތައް ސެކްޓާއެއްގެ މަސައްކަތްތެރިންގެ ދިރިއުޅުމަށް ވާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ކެމްޕޭނު ނިންމުގެ ގޮތުން ރައްޔިތުންނަށް ދެއްވި އެންމެ ފަހު މެސެޖުގައެވެ.
މިކަމަށް އިޝާރަތްކުރައްވާ ރައީސް ޞާލިހް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރަށް މިވަނީ ބުރަ މަސައްކަތްތަކެއް ކުރެވިފައި ކަމަށެވެ.
އެގޮތުން މަސްވެރިކަމާ ޓޫރިޒަމާ ދަނޑުވެރިކަމާ ޓީޗަރުންނާ ސިއްހީ ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކާ އަދި މިނޫންވެސް އެތައް ސެކްޓާއެއްގަ މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ހަމަޖެހުން ގެނެސްދެވިފައިވާ ކަމަށާއި ހަމަ އެހެންމެ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގަ މުޅި ދުނިޔެ މިހާތަނަށް ދުވަހަކުވެސް ކުރިމަތިނުލާ ވަރުގެ އާލަމީ ވަބާއަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އެކަމުންވެސް އަރައިގަނެވިފައިވާ ކަމަށެވެ.
އަނެއްކާވެސް ނިންމަން ޖެހިފަ މިއޮތީ މި ރާއްޖެ ދާނީ ހަމަނުޖެހުމާ ބިރުވެރިކަމުގެ ތެރެއަށްތޯ ނުވަތަ އެތައްބައެއްގެ ގުރުބާނީން ރާއްޖެއަށް ގެނެވުނު ބަދަލުތަކާއެކުގައި ޒުވާނުންނަށް މި ރާއްޖެ ފޯރުކޮށްދެވޭނެތޯ ނިންމަން އޮތް ނިންމުން ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން މާދަމާ ނުކުމެ މި ރާއްޖެ ގެނައި އިސްލާހީ ހެޔޮބަދަލާ ހަމަޖެހުމާ އެކީގައި ކުރިއަށް ދިއުމަށް އެ މަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް ޞާލިހް ވަނީ އެދިވަޑައިގެންފައެވެ.