މި ދައުރުގައި ރާއްޖެ ތަރައްޤީ ކުރުމަށް އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް ބުރަ މަސައްކަތް ކޮށްފައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރޭ ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވި އެ މަނިކުފާނުގެ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ޞާލިހް ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހަކީ ރާއްޖެ ތަރައްޤީ ކުރުމަށް މިއިން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް ގިނަ ބުރަ މަސައްކަތް ކުރެވުނު ފަސް އަހަރު ކަމަށެވެ.
ހަމަ އެހެންމެ ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމަކަށް މިދިޔަ ފަސްއަހަރުގެ ތެރޭގައި ސަރުކާރުން ހައްލު ހޯދައިދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި ދައުރުގައި 140 އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް، ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ޖަނަރޭޓަރާއި އިންޖީނުގެތަކާއި ނެޓްވޯކުތައް 150 އަށްވުރެ ގިނަ ރަށުގައި ޤާއިމްކޮށްފައި ވާނެ ކަމަށެވެ.
އަދި މި ދައުރުގައި 125 އަށްވުރެ ގިނަ ރަށުގެ ބަނދަރުތައް ހަދައިދީ، 127 އަށްވުރެ ގިނަ ސިއްހީ މަރުކަޒަށް އެމްބިއުލާންސް ފޮނުވާފައި ވާކަމަށް ރައީސް ސާލިޙު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ސްކޫލުތަކުގައި 1200 އަށްވުރެ ގިނަ ކްލާސްރޫމް އަޅައިދީ 80 އަށްވުރެ ގިނަ މަލްޓިޕަރޕަސް ހޯލު މި ދައުރުގައި ވަނީ އަޅައިދީ ނިމިފައެވެ.
އެހެންކަމުން އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސް ޞާލިހް ވަނީ އެދިވަޑައިގެންފައެވެ.