މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލާ ހުރިހާ މަރުކަޒަކަށް ވޯޓު ފޮށިތައް ފޮނުވަާ ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފިއެވެ.
އީސީގެ ނާއިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލޭ ސަރަހައްދުގެ ބާކީ ހުރި 4 ރިސޯޓަށް އޮފިޝަލުންނާއި ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި ފުރުވާލާފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީ އާއި އައްޑޫސިޓީއަށް ވެސް ސާމާނު ފޮނުވާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާ އިރު އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެއެވެ.
ޖަލުތަކުގައި 5 ވޯޓު ފޮށި، ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި އަދި ރިސޯޓްތަކުގައި 65 ވޯޓު ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ.
2 ވަނަ ބުރުގައި 12 ވޯޓު ފޮށި އިތުރުވާތީ އިތުރު 100 އޮފިޝަލުންނާއި އަދި ވޯޓުލާ މީހުންގެ އަދަދަށް ބަލައި 2 ސެޓްއަޕަކަށް ބަދަލު ކުރި ވޯޓު ފޮއްޓާއެކު ޖުމްލަ އޮފިޝަލުންގެ އަދަދު 350 ވަނީ އިތުރުވެފައެވެ.
އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބޭ އިރު މީގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.
2 ވަނަ ބުރުގެ ވޯޓުލުން އޮންނާނި މާދަމާ ހެނދުނު 08:00 ން ހަވީރު 17:00 އަށެވެ.