ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި ހަގީގަތް އޮޅޭ ގޮތަށް ހަބަރުތައް ނުގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ގޮވާލައިފިއެވެ.
އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެންޑިޓޭޓުންނާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ބައެއް ނޫސްތަކުން ”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި އެކިއެކި ހަބަރުތައް ޝާއިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް އަމަލުކުރުމަށް، ”އިންތިހާބުތަކާބެހޭ އާންމު ގާނޫނު“ އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ، ”އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު“އިން ލާޒިމުކޮށްފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. އެ ގާނޫނާއި ގަވާއިދަށް މީޑިއާތަކުން ވެސް އަމަލުކުރަންވާނެ ކަމަށާއި ނަމަވެސް އެއާ ހިލާފަށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.
”އެގޮތުން، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަދެއްކުމާއި، މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަމެވެ. އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށް ނޫސްތަކާއި މީޑިއާތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ..،“ އެމްއެމްސީގެ ބަޔާނުގައިވެއެވެ.
ކެންޑިޑޭޓުންނަށް އެންޓި-ކެމްޕެއިން ނުކުރުމަށާއި ކެމްޕެއިންކުރުން ގާނޫނުގައި މަނާކޮށްފައިވާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް ނޫސްތަކުން ސަމާލުވާން ޖެހޭ ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.