ރިޔާސީ އިންތިޚާބުގައި އޭނާގެ ރަނިންގމޭޓެެއްގެ ގޮތުގައި ހުންނެވި އަޙްމަދު ސަލީމް (މާޒް ސަލީމް) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމަކީ އެބޭފުޅާގެ އަމިއްލަ ނިންމެވުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމަވައިފައެވެ.
ނަމަވެސް ދެވަނަ ބުރުގައި ރައީސަށް ތާއީދު ކުރައްވަން ނިންމަވައި ސަލީމް ވަނީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިކަމާ ގުޅޭ ގޮތުން ޢުމަރު ވިދާޅުވީ ސަލީމް އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި އޭނާގެ ލަފަޔަކަށް އެދުނުނަމަ ވަކިކޮޅަކަށް ނޭރުމަށް ލަފާ ދެއްވާނެ ކަމަށެވެ.
”އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީ ވެސް އަމިއްލަ މިނިވަން ބޭފުޅުންނެވެ. އަމިއްލަ ނިންމުން ނިންމެވޭނެ ބޭފުޅުންނެވެ. ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާ ގާތްކަން އޮންނާނެއެވެ.“
ޢުމަރު ވިދާޅުވީ އޭނާގެ ނިންމުން ވަރަށް ސާފު ކަމަށާއި އެ ނިންމުން ބަދަލެއް ވެސް ނުވާނެ ކަމަށެވެ.