ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ވައަތުގެ މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށް ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާ ގޮތަށް ނިންމައިފިއެވެ.
ވޯޓުލާ މީހާގެ ނިޔަފައްޗާއެކު އިނގިލީގައި ޖަހާ ފާހަގައަކީ އެ މީހަކީ ވޯޓުލާފައިވާ މީހެއްކަން ކަށަވަރު ކުރުމަށް ޖަހާ ފާހަގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ފާހަގަ ޖަހާފައިވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހާގެ ވައަތުގެ މެދު އިނގިލީގައި ފާހަގަ ޖެހުމަށެވެ.
އީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާ ގޮތަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.