ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެންޑޯޒް ކުރައްވައިފިއެވެ.
އެމްޑީޕީން ބުނީ ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިން ފޮޓޯގުރާފަރުން އަދި އާޓިސްޓުން މިއަދު ރައީސް ޞާލިހާއި ބައްދަލުކުރައްވައި އެ މަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ.
އެ ފަންނާނުގެ ތެރޭގައި ފިލްމީ ދާއިރާގެ އަދި މިއުޒިކް އިންޑަސްޓްރީގެ އެންމެ ފުންނާބުއުސް މީހުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
”ފަންނާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓުލުމަށް ގިނަ ބަޔަކު ނެރެދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް. ފަންނާނުން ވަނީ އެކަން ކޮށްދެއްވާނެކަމާއި ރައީސް ޞާލިހަށް ވޯޓް އިތުރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ،“ ރައީސްގެ ކެމްޕޭން ޓީމުން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.