ކުރީގެ މިނިސްޓަރު ޑރ.މަޙްމޫދު ޝައުޤީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ވޮއިސްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވީ މިއަދަކު ނޫން ކަމަށާއި މި ނިންމެވުން ނިންމެވިތާ ހަފުތާއެއްވެއްޖެ ކަމަށެވެ. ނަމަވެސް ބޭނުންވެވަޑައިގަތީ ބައެއް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވުން ހާމަކުރައްވަން ކަމަށް ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.
އެގޮތަށް ނިންމެވީ އޭނާ ގަބޫލު ކުރައްވާ އުސޫލުތަކާއި ސިޔާސަތުތައް ގެންގުޅުއްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޑރ.މުޢިއްޒާ ދެ ބޭފުޅުންގެ ތެރެއިން މުޢިއްޒު ކަމަށްވާތީ ކަމަށާއި މުޢިއްޒަކީ އިލްމީ ގާބިލް ބޭފުޅަކަށްވާތީ ކަމަށް ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.
މިދިޔަ އޮގަަސްޓުމަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ.މަޙްމޫދު ޝައުޤީ މަސައްކަތް ކުރެއްވީ ޤާސިމް އިބްރާހިމާ އެކުގައެވެ.
ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓްރޮންޓޯގައި އެޑިޔުކޭޝަންގެ ރޮނގުން 1999 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައިވާ ޑރ.މަޙްމޫދު ޝައުޤީ ވަނީ އެޑިއުކޭޝަން މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.