ރާއްޖެއަށް އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރު އެންމެ ފުރަތަމަ ގެނައީ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި 2 ވަނަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ އިންޑިޔާ އިން ރާއްޖެއަށް ގެނައި ހެލިކޮޕްޓަރުތަކުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައި ވަނީ 2011 ވަނަ އަހަރުގައި ކަމަށެވެ. އަދި އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ކަމަށެވެ.
2 ވަނަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ ސަރުކާރުތަކުން ހިންގާފައިވާ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ހިނގާފައިވާ މުޢާމަލާތްތަކެއް ކަމަށެވެ. އަދި މިހާރު ވެސް ކުއްލި ހާލަތްތަކުގައި އެ ހެލިކޮޕްޓަރުތަކުގައި ރައްޔިތުން އުފުލާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
”ފުރަތަމަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ، 2011 ވަނަ އަހަރު. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު. 2 ވަނަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ 2016 ވަނަ އަހަރު. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން. އެއީ މި 2 ހެލިކޮޕްޓަރު ގެނަސްގެން މިތަނުގައި ހުރިހާ ކަމެއް ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް. އެ ސަރުކާރުތަކުން ސޮއި އެޅި އެއްޗެއްގައި ސޮއެ އަޅާފައި އޮތީ. އެ ސޮއި އެޅި އެއްޗެއްގައި ސޮއި އަޅާފައި އޮތީ ވެސް ބައިނަލްއަޤްވާމީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް. އެހެންވީމާ މިހާރުވެސް އެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އެ އޮތީ، އެ ދެ ހެލިކޮޕްޓަރުން އުފުލަމުން ގެންދަނީ ދިވެހި ރައްޔިތުން. ނިކަމެތި ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތުގައި.“ ޝާހިދު ވިދާޅުވިއެވެ.
އޭގެއިތުރުން ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިޔާގެ މަރުކަޒެއް ހަދާކަމަށް ބުނެ އިދިކޮޅުން ފަތުރަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝާހިދު އެފަދައިން ވިދާޅުވީ ރޭ ތިނަދޫގައި ބޭއްވި އެމްޑީޕީގެ ކެންޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.