ބޯހިޔާވަހިކަމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އަންނަ ދައުރުގައި ތިނަދޫ ސިޓީގެ ބިން ހިއްކައިދެއްވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން ކެނޑިޑޭޓް ތިނަދުއަށް ވެފައިވާ ވައުދުތަކަކީ އެމަނިކުފާނު އޭގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އެ ވައުދުތައް ވެވަޑައިގެންފައިވަނީ ފާޑުކިޔުންތަކެއް އަމާޒުވުމުން 2 ވަނަ ފަހަރަށް އެ ސިޓީއަށް ވަޑައިގެން ކަމަށެވެ.
”މި ރަށުގެ ބިން އިތުރުކޮށް، އަޅުގަނޑުމެން މި ރަށުގައި އަޅާނީކީ 500 ހައުސިން ޔުނިޓެއް ނޫން. މި ރަށުގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަން ހައްލުކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް އެއަށްފަހުގައި އަޅުގަނޑުމެން މި ރަށުގައި ހިންގާނަން. އަދި އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާރޕޯޓެއް ހެދޭވަރުގެ ބިން ވެސް އެއާއެކީގައި ހިއްކިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ތިނަދުއަށް ވަޑައިގެން ވެސް ރައީސް ވަނީ އެއާރޕޯޓުގެ ވާހަކަދައްކަވައިފައެވެ.