ފަސް އަހަރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ އިތުބާރުކޮށް ޒިންމާ ހަވާލުކޮށްފިނަމަ އެ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ގެނެސްދޭނެ ކަމަށެވެ.
މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަން ޔަގީންކޮށްދިނުމާއި އަތް ފޯރާ ފަށުގެ ލުއި ލޯނުދީގެން ގެދޮރު ބިނާ ކޮށްދިނުމަށް ފަހިކޮށްދިނުމަކީ އޭނާގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެހެންކަމުން ފަސް އަހަރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ނޫން ކަން ފާހަގަކުރައްވަމުން މުޢިއްޒު ވަނީ އިތުރު މަގުތައް ހެދުމާއެކު ސިޓީއެއްގައި ހުންނަ ފެންވަރަށް އެ ސިޓީގެ މަގުތައް ހަދައިދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
މީގެއިތުރުން މާލެ ނުގޮސް އައްޑޫގައި ތިބެގެން ޚިދުމަތް ލިބޭ ގޮތަށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ކެތްލެބް ފަދަ ވަސީލަތްތައް ގާއިމުކޮށް ތަރައްގީ ކޮށްދޭނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.