ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު 2 ގައުމުން ބެހުމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރެއްވީ ރައްޔިތުންނަށް އޮޅުވާލަމުން ގެންދާތީ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ވެރިކަން ކޮށްފައި ތިބި ބައެއް އަދި ކުރަން އުންމީދުކުރާ ބައެއް ނުކުމެ އެފަދަ ބުހުތާނު ދޮގުތަކެއް ރައްޔިތުން ކުރިމަތީގައި ދައްކާނެއެކޭ ކުރިން ހިތަށް އަރާފައިނުވާ ކަމަށާއި އެހެންކަމުން މީގެ ކުރިން އެކަންކަން ރައްޔިތުންނާ ހިސާބަށް ތިލަކުރެވިފައި ނުވާ ކަމަށެވެ.
އެ ހުރިހާ ހަގީގަތްތަކެއް މިހާރު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
”ހަމައެކަނި އެ ސަބަބަށްޓަކައި އަޅުގަނޑު މޮރިޝަސްގެ ރައީސަށް ފޮނުވި ސިޓީ ހާމަކުރީ. އުސޫލެއްގެ ގޮތުން އެއް ގައުމެއްގެ ވެރިޔަކު އަނެއް ގައުމެއްގެ ވެރިޔަކަށް ފޮނުވާ ސިޓީއަކީ އެހެން ހާމަކުރާ އެއްޗެއް ނޫން. ގައުމީ ސަލާމަތާ ބެހޭ ކަމެއް އޭގައި އޮތް ކަމަށްވަންޏާ ހަމައެކަނި ހިއްސާ މިކުރަނީ ރައްޔިތުންގެ މަޖިލީހުގައި އެ އޮންނަ ކަމާބެހޭ ކޮމިޓީއާ. އެހެންނަމަވެސް މިހާރު ހަމަ ޔަގީނުން ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ އޭގައި އެކަހަލަ އެއްވެސް ވާހަކައެއް ނެތްކަން. ހަމައެކަނި އޮތީ އދ. ގައި ނަގަމުންދިޔަ ވޯޓެއްގައި އަޅުގަނޑުމެން އަމަލުކުރަން ނިންމާފައި އޮތް ގޮތުގެ ވާހަކަ. މިފަދަ އެތައް ވާހަކައެއް ދައްކައި، އޮޅުވާލަމުން އެ ގެންދަނީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮގު ވާހަކަ ފަތުރަމުން ގޮސް ރައްޔިތުންގެ ތެރެއިން ބަޔަކަށް އެކަން ގަބޫލުކުރެވޭ ހިސާބަށް ގޮސްފި ކަމަށެވެ.
ރައީސް އެ ފަދައިން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުތާ 2 ދުވަސް ފަހުން އެ ސިޓީ ފުރަތަމަ ލީކުވެފައި ވަނީ ސޯޝަލް މީޑިއާގައެވެ. ލީކުވެފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އޭރު ކަށަވަރުކޮށްދެއްވިއެވެ. އަދި އެ ސިޓީ ލީކުވެފައިވާ މައްސަލަ ބަލަމުންދާ ކަމަށް ވެސް މިއުވާން ވިދާޅުވެފައިވެއެވެ.