ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ 93 ދާއިރާއާއެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އީސީން މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުނެއެވެ.
އަންނަ އަހަރު މަޖިލީހަށް 6 ގޮނޑި އިތުރުކުރަން ނިންމި އިރު މިހާރު ހިނގަމުން އަންނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87އެވެ.
ގޮނޑި އިތުރުވި 6 ދާއިރާ:
ހުޅުމާލެ މެދު ދާއިރާ
ހުޅުމާލެ އުތުރު ދާއިރާ
ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވާ ކަމަށެވެ.
ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.