ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކޮށް ދައުވާއުފުލާފައި ވަނިކޮށް ބަންދުން ދޫކޮށްލުމުން ފިލައިގެން ދިޔަ މއ.ހަނީސަކްލް ޙުސައިން ޝިފާޢު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ޝިފާޢު (37އ) ހައްޔަރުކުރީ މިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު, ބަންދާމެދު އިތުރު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ މެއިމަހުގެ 27 ވަނަ ދުވަހުގެރޭގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ކްރިމިނަލް ކޯޓުން ދޫކޮށްލުމާއެކު 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.
ޝިފާޢު ހޯދުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރުނީ މިދިޔަ މަހުގައެވެ.
ޕީޖީން ބުނީ ރެޑް ނޯޓިސް ނެރުމާއެކު އޭނާ އަމިއްލައަށް ރާއްޖެއައި ކަމަށާއި އޭނާ އައުމާއެކު ހައްޔަރުކުރަން ކޯޓު އަމުރެއް އޮތުމުން ހައްޔަރުކުރި ނަމަވެސް ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް ޕީޖީން ބުންޏެވެ.
އިތުރު މީހަކާ ބައިވެރިވެގެން ”ކިންގްޑަމް އޮފް ފްރުޓްސް“ ކުންފުނި މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް, އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ޝިފާޢުގެ މައްޗަށް 23 ދައުވާއެއް ވަނީ އުފުލައިފައެވެ.
އެއީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 ދައުވާ, މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 07 ދައުވާ އަދި މަނީ ލޯންޑްރިންގގެ ކުށުގެ 07 ދައުވާއެވެ. މި ހުރިހާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ ފައިސާގެ އަދަދަކީ 123,844.54 ޑޮލަރެވެ.