ރިޔާަސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޭނާ ވެރިކަމަށް އިންތިޚާބުކޮށްފިނަމަ އެންމެ ފުރަތަމަ ވެސް ފަށާނީ ގައުމީ މަސައްކަތް ކަމަށާއި މިނިވަންކަމަށް ވުރެ މުހިންމު މަސައްކަތެއް ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުޢިއްޒު ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު މި ގައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ނެތް ކަމަށެވެ.
“ބޭރު ސިފައިން [އިންޑިޔާ ސިފައިން] މިތާ ތިބި ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ވިދާޅުވޭ. އަދި އެކި މަގާމުތަކުގައި ތިބި މީހުން އެކި ދުވަހު އެކި ގޮތަށް އެ ވާހަކަ އެބަ ދައްކަވާ. އެއްވެސް ކަމެއްގައި ދިވެހިންގެ ބާރެއް ނެތްކަން އެދަނީ ފެންނަމުން.“
އެހެންކަމުން ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ގައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދޭންޖެހޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އޭނާއަށް އިތުބާރުކޮށް އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށާއި އެއަށްފަހު ގައުމުގެ އިގުތިސާދު މިނިވަންކޮށްދޭނެ ކަމަށެވެ.
“މިއަދު ދަރަނިތައް މިއޮތީ ފުނިޖެހިފައި. މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ ވަނީ އަރާފައި. ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ. މީގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ގައުމަކުން އެކަނި ނަގާފައިވާ ދަރަނި. އަޅުވެތި ވާނީ މިވަރަށް.“ އިންޑިޔާއިން ނަގާފައިވާ ލޯނުތަކަށް އިޝާރަތް ކުރައްވަމުން މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ޚިދުމަތްކުރާނީ އިޚްލާސްތެރިކަމާއެކު ކަމަށާއި ރައްޔިތުން ހަވާލުކުރާ މަސައްކަތްތަކަށް އަމާނާތްތެރިވެ ތެދުވެރިވާނެ ކަމަށެވެ. އަދި ގައުމުގެ ތަރައްގީއާއި ތަމައްދުން ރައްޔިތުން އެދޭ މިސްރާބަށް ގެންގޮސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.