ޓެކްސްޓް ބޭސްޑް ސޯޝަލް ނެޓްވޯކް ތްރެޑްސް މިދިޔަ ޖުލައި މަހު ތައާރަފް ކުރުމަށް ފަހު، އިންސްޓަގްރާމް އެކައުންޓް ޑިލީޓް ނުކޮށް ތްރެޑްސް އެކައުންޓް ޑިލީޓް ކުރެވޭނެ ގޮތެއް ނެތުމުން މެޓާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެހެންކަމުން އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ ޑިސެމްބަރު މަހުގެ ތެރޭގައި ތްރެޑްސް އަށް ވަކި އެކައުންޓެއް ޑިލީޓް ކުރަން ފެށުމަށެވެ.
މިދިޔަ ހަފުތާގައި ޓެކްކްރަންޗް ޑިސްޓްރަޕްޓްގައި މެޓާގެ ޗީފް ޕްރައިވެސީ އޮފިސަރު ފޯ ޕްރޮޑަކްޓް މިޝޭލް ޕްރޮޓީ ވިދާޅުވީ ޑިސެމްބަރު މަހުގެ ތެރޭގައި ތްރެޑްސް އެކައުންޓުގެ އަސްލު ޑިލީޝަން ފީޗާ ތައާރަފް ކުރުމަށް މެޓާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތްރެޑްސް އަކީ އިންސްޓަގްރާމާ ގުޅިފައިވާ ކުންފުންޏަކަށް ވާތީ، އެ ކުންފުނިން ފެށުނީއްސުރެ ޑިލީޓް ރިކުއެސްޓްތައް ހައްލުކުރާނެ ގޮތަކާ މެދު ވަރަށް ބޮޑަށް ވިސްނާފައިވާ ކަމަށް ޕްރޮޓީ ބުންޏެވެ. އަދި ލޯންޗްގައި އެ ދެ އެކައުންޓް ވަކިކުރުމަކީ ޓެކްނިކަލް ގޮތުން ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކައުންޓް ޑިއެކްޓިވޭޓް ކުރުމުގެ ގާބިލުކަން ނުވަތަ ޕްރައިވެޓް ކުރުން ފަދަ ވަސީލަތްތައް އެ ކުންފުނިން ވަނީ ރޯލްކޮށްފަ އެވެ.
”ޓެކްނިކަލީ، މުޅި އިންސްޓަގްރާމް އެކައުންޓް ވެސް ގޭޓުން ބޭރުނުކޮށް ތްރެޑްސް އެކައުންޓެއް ވަކިން ޑިލީޓް ކުރުމުގެ ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެހެންވީމާ، އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދިނީ، ހުރިހާ ކޮންޓެންޓެއް ފޮރުވަން އެކައުންޓް ޑިއެކްޓިވޭޓްކޮށް، ޕްރައިވެޓް ނުވަތަ ވަކި ވަކި ތްރެޑްތަކަށް ސެޓްކޮށްގެން، އަދިވެސް ބޭނުންކުރާ ފަރާތަށް އެ މީހުންގެ ޑިލީޓް ކުރުމުގެ ހައްގު ތައް ބޭނުން ކުރެވޭތޯ ބެލުމަށް،“ ޕްރޮޓީ ވިދާޅުވި އެވެ.
އަދި މެޓާ އިން ތްރެޑްސް ފެޑިވާސްއާ އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ތްރެޑްސް ޕޯސްޓެއް އެހެން ސާވާއަކަށް ގޮސް، އެއަށްފަހު ލިޔުންތެރިޔާ ޑިލީޓްކުރުމުން ދިމާވާ ހާލަތްތައް ވެސް އެ ކުންފުނިން އިވެލުއޭޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުލައި މަހު ލޯންޗް ކުރުމަށް ފަހު ތްރެޑްސް ވަނީ ވަރަށް އަވަހަށް 100 މިލިއަން ސައިންއަޕް މާކްސް އަށް އަރާފަ އެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި އެ ޕްލެޓްފޯމްގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފަ އެވެ.