އިރާގު-އީރާން ރޭލްވޭ ލިންކް 18 މަސް ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރާ ކަމަށް އިރާގުގެ ޓްރާންސްޕޯޓް މިނިސްޓަރީން ހާމަކޮށްފިއެވެ.
އިރާގުގެ ސީނިއާ ޓްރާންސްޕޯޓް އެޑްވައިޒަރަކު ވިދާޅުވީ އިރާގުން އުއްމީދު ކުރަނީ އަވަށްޓެރި އީރާނާ އެކު ފުރަތަމަ ރޭލްވޭ ލިންކް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ކޮންމެ އަހަރަކު ވެސް އިރާގުގައި ހުންނަ ޝީއީ މުސްލިމުންގެ ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެތައް މިލިއަން ހައްޖާޖީންގެ ދަތުރުފަތުރުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ގާތްގަނޑަކަށް 30 ކިލޯމީޓަރު (18.64 މޭލު) ގެ މި ލައިން އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބަސްރާ އާއި އީރާނުގެ ބޯޑަރު އަވަށެއް ކަމަށްވާ ޝަލަމްޖާއާ ދެމެދު ގުޅާލެވޭނެ ކަމަށާއި، 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައިގަތުމާ އެކު އިތުރަށް ބަދަހިވެފައިވާ ގުޅުންތަކާ ގައުމުތައް ގުޅާލާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަދި އިރާގުގެ ޝީއީ ފާދިރީންގެ ގޮނޑި ކަމަށްވާ ކަރްބަލާ އާއި ނަޖަފްއާ ދެމެދު މެޓްރޯ ލިންކެއް ހެދުމަށް ވެސް ސަރުކާރުން ރާވާފައިވާ ކަމަށް އިރާގުގެ ބޮޑުވަޒީރުގެ ޓްރާންސްޕޯޓް އެޑްވައިޒަރު ނާސިރު އަލް އަސާދީ ވިދާޅުވި އެވެ.
އިރާގާއި އީރާނާ ދެމެދު 1980 ގެ އަހަރުތަކުގައި އަށް އަހަރު ވަންދެން ހިނގި ނުރައްކާތެރި ހަނގުރާމައިގައި ބޯޑަރު ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ހިއްކައިފަ އެވެ. ނަމަވެސް 2003 ވަނަ އަހަރު އެމެރިކާއިން ކުރީގެ ލީޑަރު ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލި ފަހުން ތެހެރާނާ ގާތް ޝީއީ މުސްލިމް ޕާޓީތައް ބަޣުދާދުގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވެ، ދެ ގައުމުގެ އިގްތިސާދީ އަދި ދީނީ ގުޅުން ވަނީ ފުޅާވެފަ އެވެ.
އަސާދީ ވިދާޅުވީ ރޭލް ލިންކުގެ ގްރައުންޑް މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަސާދީ އިތުރަށް ވިދާޅުވީ ރޭލް ލިންކުގެ ސަބަބުން އެކްސިޑެންޓްތަކުގެ ނުރައްކާ ކުޑަވެ ޓިކެޓް ވިއްކައިގެން އިރާގަށް މާލީ ގޮތުން މަންފާ ލިބޭނެ ކަމަށެވެ.