ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް އިން ނިންމުމުން ޕްރޮގްރެސިވް ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި އެ ކޯލިޝަންގެ އަދި ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރައްވަން އެމްޑީއޭ އިން ނިންމެވި ނިންމެވުން އެ ކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
އެމްޑީއޭއިން ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ އެ ކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އަބްދުލްޤައްޔޫމާއި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއުއްޒާއި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފާއި ކޯލިޝަންގެ ލީޑަރޝިޕާއި އާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.
ކޯލިޝަން ރޫޅާލައި 2 ވަނަ ބުރުގައި ޑރ.މުއިއްޒަށް ތާއީދުކުރަން އެމްޑީއޭއިން ނިންމާފައި ވަނީ އެ ޕާޓީން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.