ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޓްރޭޑް ޗީފްއާ އެކު ހަފުތާ ބަންދުގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ކޮމާސް މިނިސްޓަރު ވަނީ ޗައިނާގެ އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ ގޮތުން ސަބްސިޑީއާ ދެކޮޅު ތަހުގީގެއް އެ ބްލޮކުން ފަށާނެ ކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އީޔޫގެ ޓްރޭޑް ކޮމިޝަނަރު ވަލްޑިސް ޑޮމްބްރޮވްސްކީސް ހަތަރު ދުވަހުގެ މުއްދަތަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ކުރެއްވި ދަތުރުފުޅަކީ، 27 މެމްބަރުންހިމެނޭ ވަރުގަދަ ބްލޮކުން ޗައިނާއިން ”ޑީ-ކަޕްލް“ ކުރަން މަސައްކަތް ނުކުރާ ނަމަވެސް، ސަރުކާރުގެ ސަބްސިޑީތައް ފުޅާވުން ފަދަ ވިޔަފާރީގެ މައްސަލަތަކާ މެދު ގިނަ ކަންބޮޑުވުންތަކެއް އެ ޖަމާއަތުގައި އެބަހުރި ކަމުގެ މެސެޖު ހިއްސާކުރުމަށެވެ.
ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކާ ގުޅޭ ގޮތުން އީޔޫއިން ކައުންޓާވެލިން ޑިއުޓީ ތަހުގީގެއް ފަށަން ހަމަޖެހިފައި ވާތީ ވަންގް ވެންޓާއޯ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށް ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސަބަބަކަށް ވަނީ އީޔޫގެ ފަރާތުން ހުށަހަޅާފައިވާ ކައުންޓާވެލިން ފިޔަވަޅަކީ ޗައިނާ-އީޔޫ ގްރީން ކޯޕަރޭޝަނާއި ދުނިޔޭގެ އޮޓޯމޯޓިވް އިންޑަސްޓްރީގެ ހަމަޖެހުމަށް އަސަރުކުރާނެ ޕްރޮޓެކްޓިވް އެކްޓެކަށް ވާތީ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ޔޫރަޕިއަން ކޮމިޝަނުން ދާދި ފަހުން ވަނީ ޗައިނާގެ އަގުހެޔޮ އިލެކްޓްރިކް ވެހިކަލް (އީވީ) އިމްޕޯޓުގެ ”ފެންބޮޑުވުމުން“ ޔޫރަޕްގެ އުފެއްދުންތެރިން ސަލާމަތް ކުރުމަށް ޓެރިފް ނަގާނެތޯ ބަލާނެ ކަމަށް ބުނެފަ އެވެ.
ޗައިނާގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާއާއެކު އީޔޫގެ ވިޔަފާރީގެ ޑެފިސިޓް 2022 ވަނަ އަހަރު ވަނީ 276.6 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.