ހަތާވީސްވަނަ ބައި
”ކަލޭ ހީކުރީ އަހަރެންނަށް އެއްވެސް ނޭނގޭ ކަމަށްތަ؟ އޭރުވެސް ކަލޭ އެހެން އުޅުނީ އަހަރެންނާ އަޅައިގަނެގެން.. މިގެއަށް ކޮންމެހެން ތިއައީވެސް އެބޭނުމުގަ.. ނޫންތަ؟ އެކަމަކު ބުނަންތަ؟ ކަލެއަށް ދުވަހަކުވެސް އަހަރެން ހާސިލެއް ނުވާނެ.. ތިކަހަލަ ލަދުހަޔާތް ކެނޑިގެން އުޅޭ އަންހެނަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް… “ އާސިމްގެ ބަސްތައް އަރީންގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. ހިތަށް ކުރި ފުން އަސަރާއެކު އޭނާގެ ދެލޯ ފެންކަޅިވެ ތުންފިތައިލެވިއްޖެއެވެ.
”އާސިމް!! “ އެއިވުނީ ހިތްހަމަނުޖެހިފައި ގޮވާލި ޝިރުފާގެ އަޑެވެ. މީގެ ކުރިން އެއްވެސް މީހަކާ އާސިމް އެފަދަ މޭރުމަކުން ވާހަކަ ދެއްކިތަން އޭނާއަށް ފެނިފައެއް ނެތެވެ. އެހެންވެ އޭނާ އާސިމްއަށް ބަލަން ހުރީ ހައިރާންވެފައެވެ. ޝިރުފާ ހުރުމުން އާސިމްއަށް އިތުރަށް ބަހެއް ކިޔާކަށް ނުކެރުނެވެ. އަރީންއާ ދިމާލަށް ލޯ އަޅާލުމަށްފަހު އޭނާ ގޭތެރެއަށް ވަދެގެން ގޮސްފިއެވެ.
”އަރީން!! ދެން ހުއްޓާލާ.. އޭނަ ކޮންމެވެސް ކަމަކާ ރުޅިއައިސްފައި ހުރީމަ ބުނި އެއްޗެއް އެއީ.. “ އަރީން ކައިރިއަށް ޖެހިލާ އޭނާގެ ބުރަކަށީގައި ފިރުމާލަމުން ޝިރުފާ ބުންޏެވެ. ރުއިން ހުއްޓާލުން އަރީންއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ރައިޒެލްއާއި ޝިގާ އައިސްވަނީ އެމީހުން އެތަނުގައި ތިއްބައެވެ. އަރީން ރޯތަން ފެނުމުން ކިހިނެއްވީތޯ ޝިގާ ސުވާލުކުރިއެވެ.
”އިހަށް ބުނެބަލަ.. އެރަށުން އާސިމްއާ ޖިންނިއެއް އަވަލެވީތަ؟ ގެއަށް އައިސް ރަނގަޅަށް ނުވަދެވޭ އެދިޔައީ އަރީން ރޮއްވާލާފަ.. “ ޝިރުފާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައެވެ.
”ނޭނގެ މިއަދު ދޮންބެއަށް ވެފައި ހުރިގޮތެއް ބުނަން.. އެތާ ތިބި މީހުންނާވެސް ވާހަކަ ދެއްކީ އެހާ ރުންކުރުކޮށް.. ނުވީތާކަށް އެންމެންތެރޭ އަހަރެންނާ ދިމާލަށްވެސް ބަވާލީ… ނުރޮއެ ރީން!! ދޮންބެ އަދި ރީން ކައިރިން މާފަށް އެދެން އަންނާނެ.. “ ޝިގާ ގޮސް އަރީންގެ ލޮލުން ކަރުނަ ފޮހެދެމުން އޭނާ ގައިގާ ބައްދާލިއެވެ.
ވެގެން އުޅޭ ގޮތް ދެނެގަންނަން ކޮންމެވެސް ވަރަކަށް ރައިޒެލްއަށް އެނގެއެވެ. އެރަށުގައި އޭނާ އާއި އާސިމްއާ ދެމެދު ހިނގައިދިޔަ އެއްވެސް ކަމެއްގެ ވާހަކަ އެގޭ އެހެން މީހެއް ކައިރީ ދައްކާކަށް ރައިޒެލް ބޭނުމެއްނޫނެވެ. އޭނާގެ ސަބަބުން އާއިލީ ގުޅުންތަކަށް ބުރޫއަރަން ބޭނުންނުވާތީއެވެ.
”ރީން މަޑުކުރޭ.. އަހަރެން އަންނާނަން ކުކުޅެއް ގަނެގެން.. ޝިގާ ދޭބަލަ އަރީން ގޮވައިގެން ކޮޓަރިއަށް… “ އަރީން އަތުގައި ހުރި ލާރި އަތުލަމުން ޝިރުފާ ބުންޏެވެ.
އެތެރެއަށް ވަންނަން ދިޔަ ޝިގާ އާއި އަރީންގެ ފަހަތުން ރައިޒެލްވެސް ދިޔައެވެ. އަރީންގ ގޮވައިގެން ޝިގާ ގޮސް އަރީން އުޅޭ ކޮޓަރިއަށް ވަނުމުން ރައިޒެލް ވަނީ ޝިގާގެ ކޮޓަރިއަށެވެ. އެނދުމަތީގައި އިށީނުމަށްފަހު ރައިޒެލް ފުންނޭވައެއް ދޫކޮށްލިއެވެ. މިއަދުން މިއަދަށްވެސް އޭނާ ބޭނުންވަނީ އެގެއިން ނިކުންނާށެވެ. ނަމަވެސް ކުއްލިގޮތަކަށް އެކަން ކޮށްފިނަމަ އެންމެންނަށް ކަމެއް ގޯސްވެއްޖެކަން އެނގޭނެއެވެ. އޭނާއަށް އެގޭގައި ދެން އިތުރަކަށް ކެތެއް ނުވާނެއެވެ. އާސިމްއަކީ އޭނާ ހީކުރި ފަދަ މީހަކަށް ނުވިއެވެ. ރައިޒެލް އޭނާއަށް ކުރި އިތުބާރު ގެއްލިއްޖެއެވެ. އެކަހަލަ މީހުންގެ ހަމަލާ އަންނާނީ ކޮންވަގުތަކުކަމެއް ބުނާކަށް ނޭނގޭނެއެވެ. އެގޭގައި ރައިޒެލް ހޭދަކުރާ ކޮންމެ ވަގުތަކީ ރައިޒެލްއަށް ނުރައްކާތެރި ވަގުތެއް ކަމުގައި ދެކެވެން ފެށިއެވެ. ހިތުގެ ނުތަނަވަސްކަން އިތުރުވެފައިވީ އިންތިހާއަށެވެ.
”އަދިވެސް ފެންވަރާކަށް ނުވަނަންތަ؟ މިހާރު މެންދުރު ބަންގި ގޮވީނު.. “ ޝިގާ އެކޮޓަރިއަށް ވަންއިރުވެސް ރައިޒެލް ފެންވަރަން ނުވަދެ އިނުމުން ބުންޏެވެ. ރައިޒެލް ޝިގާއަށް ބަލައިލިއެވެ. ޝިގާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީބާއޭ ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެވުނެވެ. ޝިގާއަށް އެވާހަކަ ކިޔައިދީފިއްޔާ އޭނާއަށް ޝިގާ އިތުބާރު ކުރާނެ ބާއެވެ. އިތުބާރުކުރިޔަސް ވާނެ ރަނގަޅެއް ނެތެވެ. އޭރުން ޝިގާ ކައިރިއަށް އިންތިހާ ރުޅި އަންނާނެއެވެ. ގޭތެރޭގައި ވަރަށް ކަންތައް ބޮޑުކޮށްލާނެއެވެ.
”އޭތް!! ކިހިނެއްވެފަ ތިއިންނަނީ… “ ރައިޒެލް ސިހުނީ ޝިގާ އައިސް އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެވެ.
“ ކަ.. ކަމެއް ނުވޭ… “ ރައިޒެލް އަވަސް އަވަހަށް ބުންޏެވެ.
”ދެން މިހާވަރަށް ވާހަކަ ދައްކާއިރު ކީއްވެ އަނގައިން ނުބުނެ ތިއިންނަނީ.. “ ޝިގާ ތެދުވެގެން އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ އަތުގައި މާދަމާ ރޭގެ ޑިނަރ ނައިޓްއަށް ލައިގެން ދާ ހެދުން އޮތެވެ. “ މިކިޔަނީ މިހެދުން ކުޑަކޮށް ބާރޭ.. ރައިގެ ހެދުން ޓްރައި ކޮށްފިންތަ؟ ”
”ހުމްމް.. ވަރަށް ރީތި.. ވަގުތު އޮއްވަ ތިއްތިބެ ދައްތަ ކައިރީ ބުނީމަ ދޯ ގޮތެއް ހެދޭނީވެސް.. ޝިގް ފެންވަރަން ވަންނަންތަ ތިއުޅެނީ… “ ރައިޒެލްވެސް ތެދުވެގެން ގޮސް އޭނާގެ ފޮށި ކައިރިއަށް ޖެހިލިއެވެ.
”ނޫނޭ.. އިހަށް މިދަނީ މިހެދުން ރަނގަޅުވޭތޯ ބަލަން.. “ ޝިގާ ހެދުން ހިފައިގެން ކޮޓަރިން ނިކުތެވެ. ފޮށިން ހެދުމެއް ނަގައިގެން ރައިޒެލް ދިޔައީ ފާހާނައަށް ވަންނާށެވެ. ނަމަވެސް އޭގެ ކުރިން އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުން ރައިޒެލް އެނބުރި އެދިމާލަށް ދިޔައެވެ. ފޯނަށް އަރާފައި އޮތީ ނުދަންނަ ނަމްބަރެކެވެ. އެހެންވެ ރިންގު ކަނޑާލައި އެނދުމަތީގައި ބޭއްވުމަށްފަހު ރައިޒެލް ގޮސް ފާހާނާއަށް ވަނެވެ.
ފެންވަރައިގެން ނިކުމެ ނަމާދުކުރުމަށްފަހު ރައިޒެލް ބޭނުންވީ ކުޑަކޮށް އަރާމުކޮށްލާށެވެ. އެނދުމަތީގައި ހަށިގަނޑު ދަމާލަމުން ރައިޒެލް އޭނާގެ ފޯނު ނަގައި ބަލައިލިއެވެ. އެނުދަންނަ ނަމްބަރުން އެތައްފަހަރަކު ގުޅާފައި ހުއްޓެވެ. އަނެއްކާ މާހިރާ ބާއޭ ހިތަށް އަރާ އޭނާ މާހިރާގެ ނަމްބަރަށް ގުޅާލިއެވެ. ދެފަހަރަކު ރިންގުވުމާއެކު މާހިރާ ފޯނު ނަގައިފިއެވެ. ބުނީ އެހެން ނަމްބަރަކުން ނުގުޅާ ކަމުގައެވެ.
”ކޮބާ މާޔާ؟ ރަނގަޅުތަ؟ “ ރައިޒެލް އެހިއެވެ.
”މާޔާ ރަނގަޅު.. އެކަމަކު…….. “ އެހެން ބުނިއިރު މާހިރާގެ އަޑުގައި މޮޅިވެރިކަމެއް ހުއްޓެވެ. ރައިޒެލްއަށް އެކަން ފާހަގަވެ ކޮންމެވެސް ގޯހެއް އުޅެނީކަމުގައި ޔަގީންކުރެވުނެވެ.
”އެކަމަކު ކިހިނެއްވީ؟ ގޯހެއް އުޅެނީތަ؟ އަހަރެންނަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗެ.. “ ރައިޒެލް އެހެން އެހިއިރު އޭނާގެ ހިތްއަވަސްވެފައިވިއެވެ. އޭނާއަށް ހީކުރެވުނީ މާޔާގެ ކަމެއް ގޯސްވީ ކަމުގައެވެ.
”ސިއްރުކުރާކަށް ނޫން.. ރައިޒެލްއަށް އެހާ މުހިންމު ކަމަކަށް ނުވެދާނެތީ ނުބުނަން ހުރީ.. “ މާހިރާ ބުންޏެވެ.
”ދެން ބުނެބަލަ ވީގޮތެއް… “ ރައިޒެލް ހިތްހަމަނުޖެހޭ ގޮތްވިއެވެ.
”ރެއިއްސުރެން ފެށިގެން އަސްލަމް ހާލު ވަރަ ދެރަކޮށް އުޅެނީ.. އޮކްސިޖަން ދަށްވެފަ.. ޑޮކްޓަރުން ބުނަނީ ހުރިހާ އޯގަންސް ތަކެއް ފެއިލްވަމުންދާ ކަމަށް… “ މާހިރާ ކިޔައިދިނެވެ. ރައިޒެލް ހިމޭންވެފައި އިރުކޮޅަކު އިނެވެ. މާހިރާވެސް ވާހަކައެއް ނުދައްކައެވެ. ރައިޒެލް އެއްޗެއް ބުނަންދެން މަޑުކުރަނީ ކަންނޭނގެއެވެ.
”އަހަރެން ފަހުން ގުޅާނަން މަންމައަށް.. ވަރަށް ބޮލުގައި ރިއްސާތީ ނިދާލަން މިއުޅެނީ… “ އެހެން ބުނެ ރައިޒެލް ފޯނު ކަނޑާލައިފިއެވެ. އެއާއެކު ސިކުނޑީގައި ބުރުޖަހަން ފެށި މާޒީގެ ސަފްހާތަކުން ސަފްހާއެކެވެ. އެދުވަހު އަސްލަމް އޭނާއަށް ދިން ވޭންދެނިވި އަނިޔާއެވެ. އެއަނިޔާގެ ސަބަބުން ރައިޒެލްއަށް ކުރިމަތިވި ހިތްދަތިކަމެވެ. އެހިނދު އެވަގުތުކޮޅު ދެންމެ ވީ ކަމެއްހެން އަދިވެސް ރައިޒެލްގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. އެވޭންދެނެވި އަނިޔާ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަނިޔާ ލިބުނީ ޖިސްމަށް ނަމަވެސް ތަދު ނުފިލާވަނީ ނަފްސާނީ ގޮތުންނެވެ. އެކަމާ ވިސްނާލެވުމާއެކު އިސާހިތަކު ރައިޒެލްގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނުރޯން މަސައްކަތް ކުރަމުން ރައިޒެލް ދެލޯ ފޮހެލިއެވެ. ހަމައެވަގުތު ޝިގާ ކޮޓަރިއަށް އައިސް ވަދެއްޖެއެވެ.
”ރައި!! މިރޭ އަހަރެންނަށް ކުޑަކަމެއް ކޮށްދޭން ވެއްޖެ.. “ ޝިގާ އައިސް އެނދަށް ވެއްޓިގަތެވެ.
”ކޮންކަމެއް؟؟ ކިޔާބަލަ!! “ ރައިޒެލް ބުންޏެވެ.
”މިރޭ އަހަރެންނާއެކު ތަނަކަށް ގޮސްދޭންވީ.. ކައިގެން އަހަރެން ދާނީ އޮފީހަށް.. މެންދުރުފަހު އެބައިން މީޓިންގްއެއް.. އެކަން ނިންމާފަ އަދި ކުރަން ޖެހޭ އެހެން މަސައްކަތްތަކެއް ހުރީމަ އަހަރެންނަށް އާދެވޭއިރު ހުންނާނީ އިރުއޮއްސިފަ.. އަހަރެން އަންނަންވާއިރަށް ރައި ރެޑީވެގެން ހުރެދޭތި.. “ ޝިގާ ބުންޏެވެ.
”މިރޭ ކޮންތާކަށްތަ ދަނީ..؟ “ ރައިޒެލް އެހިއެވެ.
”އެއީ.. އެއީ.. ފްރެންޑެއްގެ ވެޑިންގްއަށް.. އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ދާންވާނީ.. “ ޝިގާ ބުނި ގޮތުން ހީވީ ވަރަށް ވިސްނާފައި ބުނިހެންނެވެ. ރައިޒެލްއަށް އެކަން ފާހަގަވިޔަސް މާގިނައިން ސުވާލުކުރަން ނުހަދާ ދާން އެއްބަސްވިއެވެ.
**************
ސަލްމާ ޖުމާނާއަށް ކާން ގޮވަން އެކޮޓަރިއަށް ވަންއިރު ޖުމާނާ އިނީ މީހަކަށް ފޯނުން ގުޅައިގެން ވާހަކަ ދައްކާށެވެ. އޭނާ ނިމެންދެން އެނދުގައި ޖުމާނާގެ ކުރިމައްޗަށްވާހެން ސޯފާގައި ސަލްމާ އިށީނެވެ. ވާހަކަ ދައްކަމުން ދިޔައިރު ޖުމާނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އޭނާ ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް ވެއްޖެކަން ސަލްމާއަށް އެނގުނެވެ. އިރުގަނޑަކު ވާހަކަ ދެއްކުމަށްފަހު ޖުމާނާ ފޯނު ބޭއްވިއެވެ. ފުންނޭވައެއް ދޫކޮށްލަމުން އޭނާ ސަލްމާއަށް ބަލައިލިއެވެ.
”ކިހިނެއްވީ…ޕާޓީ ކަމެއްތަ؟ “ ސަލްމާ އޭނާއަށް ހީވާގޮތަށް އަހާލިއެވެ.
”ޕާޓީއެއް ނޫން.. މިފްޒާލް!! “ ޖުމާނާ ދެފަރާތަކަށް ބޯހޫރައިލިއެވެ. މިފްޒާލްގެ ނަން ބުނުމުން ސަލްމާގެ ނިތަށް ރޫއަރައިގެން ދިޔައެވެ.
”މިފްޒާލް ކީއްކުރީ؟ “ ހިތްއަވަސްވެފައި އިނދެ ސަލްމާ އެހިއެވެ.
”ރައްޓެއްސެއް އެ ގުޅީ.. އެނގެޔެއްނު ޝަބާނާ… ބުނީ އޭނާގެ ދަރިފުޅު ބުންޏޯ އެމީހުން އެދިޔަ ދަތުރުގަ މިފްޒާލް އުޅުނީ އަންހެންކުއްޖެއް ގޮވައިގެންނޭ.. އެއަންހެންކުއްޖާވެސް އެއީ އެސްކޫލް ޓީޗަރެކޯ.. ވަރަށް އެހެން ކަހަލަ ވާހަކަތައް ކިޔައިދިން.. ބުނީ އެއަންހެންކުއްޖާ އަތުހިފައިގެން ދޫނުކޮށްލަން ގަދަ ހަދައިގެން ހުރި ވާހަކަޔާ އެންމެންތެރޭ ބައްދައިގެންވެސް ތިއްބޭ ބުނީ.. އަދި ކުރީ ދުވަހު ކޮންމެވެސް ހަވީރަކު ވަރަށް ގައިގޯޅިކޮށް ތިބި ވާހަކަވެސް ބުނި.. “ ޖުމާނާގެ އަޑުންނާއި ރާގުން އޭނާ ހިތްހަމަނުޖެހިފައިވާވަރު ހާމަވެއެވެ.
”ދެން އެއީ އެވަރުކަމެއްތަ؟ ކުރީގަވެސް މިފޫ އަންހެންކުދިން ގޮވައިގެން އުޅެޔެއްނު.. “ ސަލްމާ ބުންޏެވެ.
”އާނ! އެވަރުކަމެއް އެއީ.. އެވަރު ކަމަކަށް ވަނީ ތިބުނާ އަންހެންކުދިން ގޮވައިގެން މިފްޒާލް އުޅުނުއިރު އެކި ދުވަހު އެކި ވަގުތު ފެންނާނީ ތަފާތު ކުދިން.. މިހާރު ފެންނަ ކުއްޖާއަކީ އެއްކުއްޖެއް.. މިފްޒާލް އެއްކުޖަކު ފަހަތުން އުޅޭނީ އެކުއްޖަކު ވަރަށް ހާއްސަވީމަ.. މިހާރު އަހަރެންނަށް އެނގޭ މިފްޒާލް އެވަރަކުން އެސްކޫލްގެ އަހަރީ ދުވަހުގެ ކަންކަން ސްޕޮންސަރ އެކުރީ ކީއްވެކަން.. ”
”ޖުމާ މެޑަމް!! މިފޫވެސް ކޮންމެވެސް ދުވަހަކުން މީހަކާ އިންނާނެއްނު.. “ ޖުމާނާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ސަލްމާ ބުންޏެވެ.
”ތިނޫން ވާހަކައެއް އަހަރެން ނުބުނަން.. މީހަކާ އިންނަން ޖެހޭނެ.. އެކަމަކު އިންނަން ޖެހޭނީ ތިމާއާ އެއްފެންވަރެއްގެ ތަހުޒީބީ މީހަކާ.. ސްކޫލެއްގެ އާދައިގެ ޓީޗަރަކާ މިފްޒާލް ދެވާކަށް އަހަރެން ބޭނުމެއްނޫން.. ސަލްމާ އަހަރެންނަށް އެއަންހެންކުއްޖާއަކީ ކާކުކަމާއި އެކުއްޖާގެ ހުރިހާ ވަނަވަރެއް ހޯދައިދޭންވީ.. ބާކީ ހުރި ކަންތައް އަހަރެން ހަމަޖައްސާނަން.. “ ޖުމާނާގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.
”އެކަމަކު ޖުމާ މެޑަމް!! މިފްޒާލް………… “ ސަލްމާ ބުނަން އުޅުނެވެ.
”އަހަރެންނަށް ހެޔޮ މިފްޒާލް އަހަރެންނާ ކުރިއަށްވުރެވެސް ބޮޑަށް ދުރުވިޔަސް.. އޭނަ ކޮންމެ ކޮންމެ މީހަކާ އިންނަންދެން އަހަރެންނަށް ބަލަހައްޓައިގެންނެއް ނުހުރެވޭނެ.. ސަލްމާ އެކަން ނުކުރަންޏާ ބުނޭ އޭރުން އަހަރެން އެކަން ކޮންމެވެސް އެހެންމީހަކު ލައްވާ ކުރުވަފާނަން.. “ ޖުމާނާ ހިތްހަމަނުޖެހިފައި ތެދުވެ ވައިސޫރިއެއްހެން ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. ސަލްމާ ކަންބޮޑުވެފައި ދެފާރަތަށް ބޯހޫރާލަމުން ނިތުގައި ހިފަހައްޓާލިއެވެ.
-ނުނިމޭ-
Alhey konkahala mamma eh Mifu ah Rai libenvaane.varah reethi vaahaka