ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ނަސަންދުރަ ހުރި ބިމުގައި ސްޕޭންގެ މަޝްހޫރު ހޮޓެލެއް ކަމަށްވާ ބާސެލޯ ބްރޭންޑްގެ ހޮޓެލެއް ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.
ބާސެލޯ ހޮޓެލްސް އިން ރާއްޖޭގެ ނަސަންދުރަ ބިމުގައި ތަރައްގީކުރާ ހޮޓާ އަންނަ އަހަރު ތެރޭގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.
ނަސަންދުރާ ހުރި ބިމުގައި ތަރައްގީކުރާ މި ހޮޓަލުގައި 150 ކޮޓަރީގެ އިތުރުން މަތީ ފަންތީގެ 100 އެޕާޓްމަންޓް ވެސް ހުންނާނެއެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގެ ތަރައްގީ ކޮށްފައިވާ ބްރައުންސް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ގްރޫޕުން ތަރައްގީކުރާ މި ހޮޓާ ސްޕޭންގެ ބާސެލޯ ގްރޫޕުގެ ހޮޓަލެއްގެ ގޮތުގައި ބްރޭންޑްކޮށް ހުޅުވަނީ މިދިޔަ އަހަރު އެ ކުންފުނިން ބާސެލޯ ގްރޫޕްގެ ހިއްސާގެ ބޮޑު ބައެއް ގަތުމާ ގުޅިގެންނެވެ.
ނަސަންދުރަ ހުރި ބިމުގައި ޒަމާނީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 50 އަހަރަށެވެ. އަދި 99 އަހަރަށް މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ.