ޑުރެގަން ފުރުޓަކީ އެހެނިހެން މޭވާ ތަކެކޭ އެއްފަދައިން ހަށިގަނޑަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ.
ހަންގަނޑު ދޫވިޔަ ނުދީ ރީތިކަން މަތީ ހަންގަނޑު ދެމެހެއްޓުމަށް އެންޓި އޮކްސިޑެންޓަކީ ކޮންމެހެން ވެސް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުގައި ވާ ނުރައްކާ މާއްދާތަކެއް ކަމަށްވާ ”ފްރީ ރެޑިކަލްސް“ ނައްތާލުމުގައި އެންޓި އޮކްސިޑެންޓުގެ ދައުރު ވަރަށް މުހިންމެވެ. ޑްރެގަން ފުރުޓަކީ އޭގައިވާ ވިޓަމިން ސީ މާއްދާގެ ސަބަބުން މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ މޭވާއެކެވެ.
ސިއްހީ ފައިދާތަކުން މުއްސަނދިވެފައިވާ ޑުރެގަން ފުރުޓަކީ މޫނުގެ ރީތިކަމާއި ކުލަ އަލިކޮށް ތެޔޮކަން ފިލުވުމަށް އެހިވެދޭ މޭވާއެކެވެ.
އެހެންކަމުން ގުދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ ޑުރެގަން ފުރުޓުން ތައްޔާރުކޮށްލާނެ ފޭސްމާސްކެއް ހިއްސާކޮށްލާނަމެވެ.
ބޭނުންވާނެ ތަކެތި:
ޑްރެގަން ފުރުޓު (މުގުރާފަ)
1 ސަމުސާ ލުބޯ ޖޫސް
2 ސަމުސާ ފޮނިތޮށި
1 ސަމުސާ ރީންދޫ
ފިނިފެން ނުވަތަ ރޯސްވޯޓާ
ތައްޔާރު ކުރާނެގޮތް:
މުގުރާފައި ހުރި ޑްރެގަން ފުރުޓުގެ 5 ސަމުސާ ކުޑަ ތައްޓަކަށް އެޅުމަ ފަހު ރީންދޫކޮޅާއި ފޮނިތޮށި އަދި ލުބޯ ޖޫސް އެޅުމަށް ފަހު ކުޑަ ފިނިފެން ފޮދެއް އަޅައި ރަނގަޅަށް ގިރާލާށެވެ.
ޕޭސްޓުކޮޅު ތައްޔާރު ވުމުން ފުރިޖްގައި 30 މިނެޓް ބަހައްޓާށެވެ.
އެއަށް ފަހު މޫނު ރަނގަޅަށް ސާފުކޮށް ލުމަށް ފަހު ތައްޔާރު ކުރި ޕޭސްޓުކޮޅު މޫނުގައި މަސާޖުވާ ގޮތަށް އުނގުޅާ 15-20 މިނެޓް ބެހެއްޓުމަށް ފަހު ތާފެނާ ފެންފޮދަކުން ދޮވެލާށެވެ.
ހަފްތާއަކު 1 ދުވަހު ޑުރެގަން ފުރުޓު ފޭސްމާސްކު ބޭނުން ކުރުމުން މޫނުގެ ހަންގަނޑު މުސްކުޅިވުން ލަސްކޮށްދީ މޫނުގެ ރީތިކަމާއި ކުލަ އަލިކޮށް ތެޔޮކަން ފިލުވައިދޭނެއެވެ.