މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް ފްލެޓާއި ގޯތި ދޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ގަލޮޅު ކަންމަތީގައި އެމްޑީޕީން މިހާރު ބާއްވަމުން ގެންދާ ކެމްޕޭން އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޞާލިހު ވިދާޅުވީ ދަފްތަރުގައި ޖެހިފައި ތިބޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އިތުރު ހައުސިން މަޝްރޫއެއް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ.
އެ މަޝްރޫޢުގެ ސިޔާސަތުތައް މިދިޔަ ދެތިން ދުވަހަކު ކަނޑައަޅާފައިވާ ކަމަށާއި ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާން ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ މާލޭގައި ދިރިއުޅޭތާ 40، 50 އަހަރުވީ ބައެއް މީހުން އެބަތިބި ކަމަށާއި އެފަދަ މީހުންނަކީ އެމީހުން އުފަން ރަށުގައި ދިރިނޫޅޭތީ ބޯހިޔާވަހިކަން ރަށުން ނުލިބޭނެ މީހުން ކަމަށާއި ސިޔާސަތުތައް ހުރި ގޮތުން މާލޭންވެސް އެފަދަ މީހުންނަށް ބޯހިޔާވަހިކަން ނެތް ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ހިޖުރަކޮށްގެން ތިބި ފަރާތްތަކަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.