ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ތައްޔާރުވަމުންދާ އިރު ބަރުލަމާނީގެ ސައްލާތައް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ގަރާރު ބަލައިގަނެ ރައްޔިތުން މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން އޭނާ ވޯޓު ދެއްވާފައިނުވާނެ ކަމަށެވެ.
”ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ތައްޔާރުވަމުންދާ ވަގުތެއްގައި ވެރިކަމުގެ ނިޒާމާ ބެހޭ ސައްލާތައް ކުރުމަކީ ވަގުތާއި ހާލަތަށް ބަލާއިރު ރަނގަޅުކަމެއް ނޫން،“ އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު އެފަދަ ޓުވީޓެއް ކުރައްވާފައިވާ އިރު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާއި ބެހޭ ގަރާރު މަޖިލީހަށް މިއަދު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފިއެވެ.
އެ ގަރާރަށް ބަހުސް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށީ 10:10 ގައެވެ.
ކޯރަމް ނުވި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.