ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން މި ސަރުކާރު ބަލައި ނުގަންކަން ބުނެ ދިން ސެޓްފިކެޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި މި ސަރުކާރު ގޭގައި މަޑު ކުރުމަށް ދިން ދާއިމީ ސެޓްފިކެޓެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ދިން ޖަވާބަކީ ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ.
ރައްޔިތުން މި ސަރުކާރު ބަލައި ނުގަންނަ ކަން އަދި މިސަރުކާރަށް ތާއީދެެއް ނެތްކަން ރައްޔިތުން ނިންމި ނިންމުމާއެކު 2 ވަނަ ބުރުގައި އަނެއްކާ ވެސް ރައްޔިތުންގެ ޚަޒާނާއިން ފައިސާ ބޭނުންކޮށްގެން 2 ވަނަ ބުރަށް ވެސް ކުރަމުންދާ ޚަރަދުތަކަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ޚަރަދުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީ ކުރިކަމަށް ބުނާ އިރު ކުރިހާ ވެެސް ކަމަކީ އެއްވެސް ރަށެއްގައި ތަފާތުނުކޮށް ވައްކަން ކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީ ވެސް ވައްކަމާއި އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިދަންނަވަނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ރައްޔިތުންނަށް ޚިދުމަތް ކުރީކީ ނޫނޭ. އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަމޭ. ވައްކަން ކުރީމާ ދޭންޖެހޭ ސެޓްފިކެޓް ރައްޔިތުން އެއޮތީ ދީފަ. އެސެޓްފިކަޓަކީ ގެޔަށްވަންނަ ސެޓްފިކެޓެއް. އެއީ އަނެއްކާ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ދެވަނަ ބުރަކަށް ދާންޖެހޭވެސް ސެޓްފިކެޓެއް ނޫން އެއީ. ގޭގަ މަޑުކޮށްލަން ދިން ސެޓްފިކެޓެއް އެއީ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ އައުލަބިއްޔަތުން ފުރަތަމަ ބުރުގައި ނިންމި ނިންމުމުން ސާފުވީ ރައީސް ޔާމީނަށް ކުރަނީ ބޭއިންސާފު އަނިޔާ ކަމަށާއި ރައްޔިތުން ނިންމީ ރައީސް ޔާމީނަކީ މި ޤައުމަށް އަދިވެސް ބޭނުންވާ ޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ލީޑަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅައި ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ޝިޔާމް އެ ފަދައިން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ވޯޓަށް ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.