ޕީޕީއެމްއަށް މަޖިލީހުގެ މައިނޯރިޓީ ގެއްލުނަސް ސަރުކާރު ޖަވާބުދާރީކުރަން ކުރާ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ހުރިހާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ދަފުތަރުގައި ހިމެނުމާއެކު މައިނޯރިޓީ ޕާޓީއަކީ މިހާރު ޑިމޮކްރެޓްސްއެވެ.
އާދަމް ވިދާޅުވީ ޕީޕީއެމްއަށް މަޖިލީހުގެ މައިނޯރިޓީ ގެއްލުނަސް ސަރުކާރު ޖަވާބުދާރީކުރަން ކުރާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ޒިންމާދާރުކަމާއެކު ޒިންމާ އަދާކުރައްވާނެ ކަމަށެވެ.
އަދި ސަރުކާރު ޖަވާބުދާރީކުރަން ކުރާ މަސައްކަތްތުގައި ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ ޑިމޮކްރެޓްސްއިން ވެސް ބޭނުންވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ގޮތެއް ކަމަށެވެ.