ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅި ބަރުލަމާނީ ގަރާރު ބަލައިގަނެ މަޖިލީހުގެ މުޅި ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
ބަރުލަމާނީ ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.
އެގޮތުން މަޖިލީހަށް ގަރާރު ބަލައިގަތުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވީ މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ.
ހަމަ އެހެންމެ މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން މި ގަރާރު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ނިންމަވާލަމުން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މާދަމާ ހެނދުނު ކަމަށެވެ.