މިހާރުން މިހާރަށް ނިޒާމީ ވޯޓެއް ނެގުންވާނީ ނާ މުމްކިން ކަމަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ނިޒާމީ ވޯޯޓެއް ނަގަން ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އެފަދަ ވޯޓެއް ނެގުމަށްޓަކައި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެކަން ވެސް ޙަބީބް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެންމެ މުހިންމު ކަމަކީ މިފަދަ ވޯޓެއް ނެގުމުގެ މަގުސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށް ޙަބީބް ވިދާޅުވިއެވެ.
”ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް.“ ޙަބީބް ވިދާޅުވިއެވެ.
އެހެންކަމުން މިހާރުން މިހާރަށް އެފަދަ ވޯޓެއް ނެގުންވާނީ ނާ މުމްކިން (Impossible) ކަމަކަށް ކަމަށް ޙަބީބް ވިދާޅުވިއެވެ.