ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ފަސް އަހަރުގައި ރާއްޖެއަށް ތަރައްގީގެ އިންގިލާބެއް ގެނައީ ރިޔާސީ ނިޒާމެއްގައި ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ހުށަހަޅާފައެވެ.
އެކަމާ ގުޅޭ ގޮތުން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ސަޢީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ގާނޫނުއަސާސީގައި ލިޔެވިގެން މިއޮތީ ވަރަށް ފުރިހަމަ ނިޒާމެއް މި ރާއްޖެއަށް ތައާރަފުވެފައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަސް އަހަރުގައި ކާމިޔާބު ވެރިކަމެއް ކުރެއްވީ ވެސް އެ ނިޒާމުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިހާރު ދިވެހި ރައްޔިތުންގެ ގާނޫނުއަސާސީގަ ލިޔެވިގެން މިއޮތީ ވަރަށް ފުރިހަމަ ނިޒާމެއް މި ރާއްޖެއަށް ތައާރަފުވެފަަ. އެއީ ރިޔާސީ ނިޒާމު. ދެން އެ ނިޒާމުގަ ރައީސް ޔާމީން ވަނީ ވަރަށް ކާމިޔާބު ވެރިކަމެއް ކުރައްވާފަ. އެއީ 2013 އިން 2018 އަށް. އެއީ ޕީޕީއެމްގެ ވެރިކަމެއް.“
ސަޢީދު ވިދާޅުވީ ރިޔާސީއިންތިޚާބަށްވުރެ ޕާޓީއެއްްްގެ ގޮތުގައި އެހެން ކަމެއް މި ވަގުތަކު މުހިންމެއް ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އަމާޒަކީ ރާއްޖެ މިއަދު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.