އައިއޯއެސް 17 ޝަރުތު ހަމަވާ ޑިވައިސްތަކަށް މިއަދު ތައާރަފްކުރަން ނިންމާފައިވާއިރު، އެޕަލް އިން އައިފޯނަށް އެ ކުންފުނީގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް އަށް އާ ފީޗާތަކާއި އިމްޕްރޫވްމަންޓްތަކެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
ޑަބްލިއުޑަބްލިއުޑީސީ 2023 ގައި އެޕަލް އިން ތައާރަފުކުރި ގިނަ ފީޗާތަކަކީ މިހާރު ހުރި ފީޗާތަކާއި ގާބިލްކަން އިތުރުކުރުން ކަމަށް ވާއިރު، އެޕަލް މިއުޒިކްގެ ކޯލަބްރޭޓިވް ޕްލޭލިސްޓްތަކަށް އެހީތެރިވުމުގެ އިތުރުން އެޕަލް އިން މި އަހަރުގެ ފަހުކޮޅު އާ ޖާނަލް އެޕެއް ވެސް ތައާރަފު ކުރާނެ އެވެ.
އެޕަލްގެ އެންމެ ފަހުގެ ގިނަ ސްމާޓްފޯނުތަކަށް އައިއޯއެސް 17 ގެ އަޕްޑޭޓް ލިބުމުގެ ފުރުސަތު ލިބިގެންދާއިރު، އޭގެ މާނައަކީ ނޭމްޑްރޮޕް، ސްޓޭންޑްބައި މޯޑް އަދި ކޮންޓެކްޓް ޕޯސްޓަރު ފަދަ ފީޗާތަކަށް މިއަދު ގެ ފަހުން ވަދެވޭނެ އެވެ.
އައިއޯއެސް 17 ރިލީޒްކުރާ ޝެޑިއުލް
އައިއޯއެސް 17 މިރޭ 22:30 ގައި ނެރޭނެ ކަމަށް ބެލެވެ އެވެ. އެޕަލް އިން އާންމުގޮތެއްގައި އާ އަޕްޑޭޓްތައް ތައާރަފް ކުރަނީ ހަފުތާގެ ފަހުކޮޅުގެ ބަދަލުގައި ހޯމަ، އަންގާރަ ނުވަތަ ބުދަ ދުވަހު އެވެ.
އައިއޯއެސް 17 ލިބޭނެ އައިފޯން މޮޑެލްތައް
އެޕަލް އިން ބުނި ގޮތުގައި 2018 ވަނަ އަހަރު ނެރުނު އައިފޯން އެކްސްއާރް އިން ފެށިގެން އައިފޯން މޮޑެލްތަކަށް މި އަހަރު އައިއޯއެސް 17 ގެ އަޕްޑޭޓް ލިބޭނެ އެވެ. އައިފޯން އެކްސް އާއި އައިފޯން 8 އަށް މިއަހަރު އައިއޯއެސް 16 ގެ އަޕްޑޭޓް ލިބުނު ނަމަވެސް އައިއޯއެސް 17 އަށް އަޕްޑޭޓް ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.