އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރަޝިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހު އެނބުރި ގަޢުމަށް ވަޑައިގެންފިއެވެ.
ކިމް ގައުމަށް ވަޑައިގަތީ ރަޝިއާގެ ހޯސްޓުންގެ ހަދިޔާތަކާ އެކުގައެވެ. އެގޮތުން ރައިފަލަކާއި، ކޮސްމޮނޯޓްގެ ގްލޯވް އަކާއި، އަސްކަރީ ޑްރޯންތަކެއް ވެސް ހިމެނެ އެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ބޭއްވެވި ސަމިޓަށް ފަހު ކިމް އަށް ލިބިވަޑައިގަތީ ”އެންމެ ފެންވަރު ރަނގަޅު“ ރަޝިއާގައި އުފައްދާފައިވާ ރައިފަލެއް ކަމަށެވެ.
ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ބުނީ ޕުޓިން ވަނީ ސްޕޭސްސޫޓަކުން ސްޕޭސްގައި ލާފައިވާ ގްލޯވްއެއް ވެސް ހަދިޔާކޮށްފައި ކަމަށެވެ.
ރަޝިއާގެ މީޑިއާތަކުން ބުނި ގޮތުގައި ޕްރިމޯސްކީ ސަރަހައްދުގެ ގަވަރުނަރު އޮލެގް ކޮޒެމްޔާކޯ ކިމްއަށް ހަދިޔާ ކުރެއްވީ ސިކުނޑި އާއި ކޮނޑާއި ކަރުއަދި އުނަގަނޑު ހިމާޔަތްކޮށްދޭ އެސޯލްޓް އޮޕަރޭޝަންތަކަށް ފަރުމާކޮށްފައިވާ ޒަމާނީ، ލުއި ބޮޑީ އާމަރސެޓެކެވެ.
މީގެ އިތުރުން ކިމްއަށް އެއްކޮޅުން ހަމަލާދޭ ފަސް ޑްރޯން އާއި ޔޫކްރެއިންގެ ހަނގުރާމައިގައި ވަރަށް ގިނައިން ބޭނުންކުރާ ޖެރެނިއަމް-25 ރިކޮނިސެންސް ޑްރޯން ވެސް ހުށަހަޅާފައިވާ ކަމަށް ޓާސް އިން ބުންޏެވެ.
ވްލަޑިވޮސްޓޮކްގައި ޑިފެންސް މިނިސްޓަރު ސަރްގެއި ޝޯއިގޫގެ ފަރާތުން ކިމް އަށް ފުރް ހެޓެއް ލިބިވަޑައިގެންފައިވާއިރު، އޭނާ ވަނީ ރަޝިއާގެ ނިއުކްލިއާ ބޮން ގޮއްވާލާ މީހުންނާއި ހައިޕަސޮނިކް މިސައިލް ހަރުކޮށްފައިވާ ފައިޓާ ޖެޓްތަކާއި ހަނގުރާމަމަތީ އުޅަނދެއް ބައްލަވާލައްވައިފަ އެވެ.
ރަޝިއާގެ އާރްއައިއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހެޓުގެ ރަނގަޅު ސައިޒު ދެނެގަތުމުގެ ހަރަކާތެއްވެސް ވަނީ ފަށައިފަ އެވެ.