ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ ފަރީދީ މަގު ސްޓެޓިކް ކުރިމަތީގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ.މުޢިއްޒު ވިދާޅުވީ 2020 މެއި 06 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައެއް ނުވާ ކަމަށެވެ.
’ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަމެއް ދީފައެއްނުވޭ.“
އެކަން ފާާހަގަކުރައްވައި މުޢިއްޒު ވަނީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
”އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭނަން“ މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވަނީ އިންސާފުވެރިކަމާއެކީގައި ކަންކަން ބައްޓަންވެފައި އޮތް އަދި އެކަމަށް ތަރުހީބުދޭ އެކަން ޗެމްޕިއަން ކުރާ ސަރުކާރެއް ގާއިމުކުރާނެ ކަމަށެވެ.