ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު ބޭއްވުމަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހަމަޖައްސައި ދެއްވައިފި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރެއް ބޭއްވުމަށް އީސީން އަންދާޒާ ކުރަނީ 44 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެ ބަޖެޓުގެ ތެރެއިން އެއްބަޔަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ކަނޑައެޅި ބަޖެޓުން ބާކީކުރެވުނު ބައެކެވެ.
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ ބާކީކުރެވުނު ކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައެޅުއްވީ އިތުރު 25 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދެއްވުމަށްކަމަށެވެ.
އެ ޢަދަދަށް ފައިސާ ހަމަޖައްސައިދެއްވުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގަތީ، އިންތިޚާބުގެ އިދާރީ މަސައްކަތުގެ އިތުރުން އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފައިސާއާއެކު ކަމަށް ޙަސަން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރިއާއެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަށް އާދެވުނީ، 18 މިލިއަން ރުފިޔާގެ ބަޖެޓަކަށް ކަމަށް ޙަސަން ވިދާޅުވިއެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުން އެދުނު ޢަދަދަށްވުރެ ގާތްގަނޑަކަށް 7 މިލިއަން ރުފިޔާގެ މަދު ޢަދަދެކެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ހަމަޖެހުނު ބަޖެޓުގެ ޖުމްލައަކީ ގާތްގަނޑަކަށް 41 މިލިއަން ރުފިޔާއެވެ.
ޙަސަން ވިދާޅުވީ އެ ބަޖެޓުން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރޫނާރާނެހެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.