މަރުވެފައިވާ ގިނަ އަދަދެއްގެ މަސް އުތުރުގެ ބައެއް ރަށްތަކަށް ލައްގަމުންދާތީ އެކަމާއި ގުޅޭގޮތުން ބަަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ މަސްތަކެއް މަރުވެގެން ލައްގަމުންދާކަމުގެ ރިޕޯޓް ނ، ރ، ބ އަދި ޅ.އަތޮޅުން ލިބިފައިވާ ކަމަށާއި ރަށްރަށަށް ލައްގަމުން ދަނީ ރޮނޑު އާއިލާއަށް ނިސްބަތްވާ މަސްތަކެއް ކަމަށެވެ.
ނަޢީމް ވިދާޅުވީ އެއްފަހަރާ ގިނަ އަދަދެއްގެ މަސް މަރުވާން ދިމާވާ އެކި ސަބަބުތައް ހުންނަ ކަމަށާއި އޭގެތެރޭގައި ވައިރަލް ނުވަތަ ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްގެ ސަބަބުން ވެސް މަސް މަރުވާ ކަމަށެވެ. އަދި އަލްގޭ ގިނަވެގެން ނުވަތަ މަސް ދިރިއުޅޭ މާޙައުލުތަކުގައި މާ ބޮޑަށް ހޫނު ގަދަވެގެން ވެސް މަސްތައް މަރުވާން ދިމާވާ ކަމަށެވެ.
މީގެކުރިން މިގޮތަށް ގިނަ އަދަދަކަށް މަސް މަރުވުމުގެ ހާދިސާއެއް ކުރިމަތިވީ ފެނުގައި ޕްލެންކްޓަން ނުވަތަ އަލްގޭ ގިނަވެގެން ކަމަށާއި މި ފަހަރު މަސްތައް މަރުވާން ދިމާވި ސަބަބު ބަލަމުންދާ ކަމަށް ވެސް ނައީމް ވިދާޅުވެއެވެ.
އީޕީއޭގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުން ވެސް ދަނީ އެ ކަން ބަލަމުންނެވެ. އެމްއެމްއާރްސީއިން ބުނީ 2007، 2008 އަދި 2012 ވަނަ އަހަރު ވެސް މަސް މަރުވުމުގެ ހާދިސާތައް ރާއްޖޭގައި ހިނގާފައިވާ ކަމަށެވެ.
އެމްއެމްއާރްސީ އާއި އީޕީއޭއިން ވަނީ މަރުވެގެން އެ ގޮތަށް ލައްގާ މަސް ނުކެއުމަށް އިލްތިމާސްކޮށްފައެވެ.